ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭ ސިޓީގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލު ހޯލުންނެވެ. ޒަކާތް ދެއްކުމަށް އަމީނިއްޔާ ސްކޫލަށް ޒިޔާރަތްކުރާ މީހުން ލިލީ މަގުގެ ގޭޓު ބޭނުންކުރުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 1:00 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށެވެ. އަދި އަންނަ މަހުގެ ނުވަވަނަ ދުވަހު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 1:00 އިން ފެށިގެން ހަވީރު 6:00ގެ ނިޔަލަށެވެ.