އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން، ވޯޓާސް ލިސްޓްގައި ސޮއި ކުރުން ކުރިއަށްގެންދަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ މެންދަމު 12:00ގެ ނިޔަލަށް މައި އިންތިހާބީ މަރުކަޒު، ދަރުބާރުގޭގައި ކަމަށެވެ.

ކެންޑިޑޭޓުގެ ބަދަލުގައި އެހެންފަރާތެއް ދާނަމަ، އެ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީ އަދި ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަން ޖެހޭނެ ކަމަށް އީސީން ބުންޏެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ މި މަހުގެ 25 ވަނަ ދުވަހުގައެވެ. ލިސްޓުގައިވާ ގޮތުން މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 284،663 މީހުންނަށް ލިބިގެންވެއެވެ. އެއީ 139،361 އަންހެނުންނާއި 14،5302 ފިރިހެނުންނެވެ.

އީސީން އެންމެ ފުރަތަމަ ނިންމީ މަޖިލިސް އިންތިހާބު މިމަހުގެ 17 ގައި ބޭއްވުމަށެވެ. ނަމަވެސް ރޯދަ މަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭނެ ކަަމަށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން އީސީން ނިންމީ މަޖިލިސް އިންތިހާބު މިއަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށެވެ.

އިންތިހާބުގައި ވޯޓުލުމަށް 602 ވޯޓު ފޮށި ބަހައްޓާނެއެވެ. ދާއިރާތަކުގެ އަދަދަށް ގެނައި ބަދަލާ އެކު 20 ވަނަ މަޖިލީހުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުވާނެއެވެ. އިންތިހާބުގައި އެ ދާއިރާތަކަށް ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރާނެއެވެ.