ބަޔާން މިއުނިކުން ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުގައި ބްރޫޝިއާ ޑޯޓުމަންޑް އަތުން ބަލިވުމާއެކު، ބަޔާން ލެވަކޫސަން ލީގު ތަށްޓާ ގާތަށް ޖެހިލައިފިއެވެ.

ޑޯޓުމަންޑުން ރޭ ރަށުން ބޭރުގައި ބަޔާން ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަރުމަނު ކަޕަށްފަހު ބަޔާން އަތުން ޑޯޓުމަންޑް މޮޅުވި ފުރަތަމަ ފަހަރެވެ. ޖަރުމަނު ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ބަޔާން ލެވަކޫސަންއިން މިހާތަނަށް ސީޒަނުގައި ބަލިވެފައިނުވާ އިރު، ރޭ އަމިއްލަ ދަނޑުގައި ހޮފެންހެއިމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ލެވަކޫސަންއިން ރޭގެ މެޗުގެ ފަހު މިނެޓުގައި ގޯލު ޖަހައިގެން ހޯދި މޮޅާއެކު އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓްގެ ލީޑެއްގައެވެ. ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ހޯދުމާ ދިމާލަށް މިސްރާބު ހުރި ޒަބީ އެލޯންސޯގެ ލެވަކޫސަންއިން މިހާތަނަށް ކުޅުނު 27 މެޗުން 73 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި ބަޔާން އޮތީ 27 މެޗުން 60 ޕޮއިންޓާއެކުގައެވެ.

ރޭ ބަޔާން ކޮޅަށް ޑޯޓުމަންޑްގެ ފުރަތަމަ ގޯލު، 10 ވަނަ މިނެޓުގައި ޖެހީ ކަރީމް އަދެޔޭމީއެވެ. އެ ގޯލާއެކު މޮޅުވާން ދިޔަ ޑޯޓުމަންޑުން ދެވަނަ ގޯލެއް ޖެހީ މެޗުގެ ފަހު ކޮޅުގައެވެ. އެ ގޯލު ޖެހީ ޖޫލިއަން ރޭސަންއެވެ.

ރޭގެ މެޗަށްފަހު ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ޑޯޓުމަންޑް އަތުން ވި ބައްޔާއެކު ޕޮއިންޓް ގުނުމުގެ ބޭނުމެއްވެސް ނެތް ކަމަށާއި ބަޔާނަށް ދެން ލީގު ނުލިބޭނެ ކަމަށެވެ. މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން ނިންމާފައި ހުރި ޓުޗެލް ބުނީ ލެވަކޫސަންއަށް މަރުހަބާ ކިޔަން ބޭނުން ކަމަށާއި އެޓީމުގެ ކޯޗު އެލޯންސޯ އާއި ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން ބޭނުންވާ ކަމަށެވެ.