ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އަހަރީ އާންމު ޖަލްސާ ބާއްވައި، އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައިވަނީ، 3،903،741.80 ރުފިޔާ ގެ ބަޖެޓެކެވެ. މިއަހަރުގެ ބަޖެޓުގެ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމާފައި ވަނީ ޔޫތު ޑެވަލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ޕްރޮގްރާމްތަކަށެވެ. މާލެ ސަރަހައްދުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް 770،802 ރުފިޔާ ހިމަނާފައިވާ އިރު، އަތޮޅު ތެރޭގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް އަށް ވަނީ 856،462 ރުފިޔާ ހިމަނައިފައެވެ.

އަތޮޅު ތެރޭގައި ޓީޓީ އެސޯސިއޭޝަނުން މި ފަހަރު ހަރަކާތްތައް ހިންގަން ރާވަފައި އޮތީ، ތިނަދޫ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ތ. ތިމަރަފުށީގައެވެ. މީގެ އިތުރުން އަމްޕަޔަރުންނާއި ކޯޗުން ތަމްރީން ކުރުމުގެ ކޯސްތައް ފުވައްމުލަށް، އައްޑޫ، ގދ. ތިނަދޫ، ކ. ތުލުސްދޫ، އއ. އުކުޅަސް، ޅ. ނައިފަރު، ރ. އުނގޫފާރު އަދި ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދަން ވަނީ ރާވައިފައެވެ. އަމްޕަޔަރު އަދި ކޯޗުން ތަމްރީނު ކުރުމުގެ ކޯހުގެ ކަންކަމުގެ ތެރެއިންވެސް ވައިޑީޕީގެ ކަންކަން ކުރަން ވަނީ ހިމަނައިފައެވެ.

މިއަހަރުވެސް ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން ބޭރުގެ ބައެއް މުބާރާތްތަކަށް ދިޔުމަށް ބަޖެޓް ކަނޑައަޅާފައިވާ އިރު، ބައިނަަލްއަގުވާމީ މުބާރާތްތަކުގެ ތެރޭގައި ހިމަނާފައިވަނީ، ތައިލެންޑުގެ ބެންކޮކްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫޓު ކޮންޓެންޑާ މުބާރާތް، ސްރީ ލަންކާގައި ހޯސްޓްކުރާ ސައުތު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް، ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތް، އިޓަލީގައި ބާއްވާ ވޯލްޑް ޔޫތު ކޮންޓެންޑާ މުބާރާތް، ޕޮލެންޑްގައި ބާއްވާ ވޯލްޑް ޔޫތު ކޮންޓެންޑާ މުބާރާތެވެ. އޭގެ އިތުރުން ރާއްޖޭގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ފީޑާ އިވެންޓް، ސައުތު އޭޝިއާގެ ޖޫނިއާ އާއި ކެޑޭޓް ޗެމްޕިއަންޝިޕަށްވެސް އެސޯސިއޭޝަނުން ވަނީ ބެޖެޓް ކަނޑައަޅައިފައެވެ.

ޓީޓީގެ އާންމު ޖަލްސާގައި ޓީޓީގެ އެޕެއް ލޯންޗްކޮށް، ހިދުމަތްތެރިންގެ އަގުވަޒަން ކޮށްފައިވެއެވެ.