ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ފޭސް 2ގެ އެންޓްރެންސްގައެވެ.

ދިރާގުން ބުނީ، އެ ގުޑިފެސްޓުގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށްވެސް ބައިވެރިވެވޭނެ ކަމަށާއި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށް ހިލޭ ގުޑިއެއް ލިބޭނެ ކަމަށެވެ.

ދިރާގު ގުޑިފެސްޓަކީ ރޯދަމަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. އެގޮތުން ވޭތުވެދިޔަ ރޯދަމަހެކޭ އެއްފަދައިން މި އަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމައިފައެވެ.

ދިރާގުން ބުނީ، މި ރޯދަމަހުގެ ފުރަތަމަ ގުޑިފެސްޓް އިވެންޓް މިދިޔަ އަންގާރަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވާފައިވާއިރު އެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.