ރާއްޖޭގެ އެންމެ ހިންގުންތެރި އެއް އެސޯސިއޭޝަން، ބޮޑީބޯޑިން އެސޯސިއޭޝަނުން ކުރިއަށް އޮތް އަހަރަށް، 16,256,054.37ރ. ގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްއެންޔޫ ސެންޓްރަލްގެ ސެމިނާ ރޫމްގައި ބޭއްވި ބޮޑީބޯޑިން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި އެކްސްކޯއިން ވަނީ އާންމު މެމްބަރުންނަށް 2023 ވަނަ އަހަރު ރިޕޯޓު ހުށަހަޅައި މިދިޔަ އަހަރުގެ ފައިނޭންޝަލް ރިޕޯޓް އިއްވައި، 2024 ވަނަ އަހަރުގެ ކަލަންޑަރާއި ބަޖެޓް ފާސްކޮށްފައެވެ.

އާންމު ޖަލްސާގައި އެމްބީބީއޭގެ މެމްބަރުންނާއި އެތުލީޓުންވެސް ބައިވެރިވެފައިވާއިރު، 2024 ވަނަ އަހަރުގެ ހަރަކާތްތަކާ ގުޅޭ ހާއްސަ ޕްރެސެންޓޭޝަނެއް ވަނީ ދައްކައިފައެވެ. ޕްރެސެންޓޭޝަނުގައި 2024 ވަނަ އަހަރު ހިންގަން ކަނޑައަޅާފައިވާ ހަރަކާތްތަކާއި ބާއްވަން ތައްޔާރުކޮށްފައިވާ އިވެންޓްތަކުގެ ފުރިހަމަ ތަފުސީލު މެމްބަރުންނާ ހިއްސާ ކޮށްފައިވެއެވެ.

މި އަހަރުވެސް ބޮޑީބޯޑިން ލީގުގެ ހަތަރު އިވެންޓެއް ކުރިއަށް ގެންދަން އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ޒުވާން އެތުލީޓުން ތަމްރީނު ކުރުމުގެ ގައުމީ ބޮޑީބޯޑިން ޕްރޮގްރާމް "ހުދު ފޮނު" 2024 ވެސް އަށް ސަރަހައްދެއްގައި ކުރިއަށް ގެންދަން ބަޖެޓް ކޮށްފައިވެއެވެ.

މި އަހަރުވެސް ބޮޑީބޯޑިން ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ އިވެންޓް ރާއްޖޭގައި ބާއްވާ ގޮތަށް އޮތްއިރު، އެކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބަޖެޓް ކޮށްފައެވެ.

އެސޯސިއޭޝަނުގެ އިތުރު ހަރަދުތައް ހިނގާނެ ކަމަށް ލަފާކޮށްފައި ވަނީ ޓެކްނިކަލް ސްޓާފުން އިތުރު ކުރުމަށާއި ތަމްރީނު ކުރުމަށް އަދި އިދާރީ ކަންކަމާއި ކުދި އިވެންޓްތަކަށެވެ.

އެމްބީބީއޭގެ އާންމު ޖަލްސާ، ސްޕޯޓްސް ކައުންސިލާއި ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވަނީ އޮބްސާވް ކޮށްފައެވެ.