މެރަތަން ރަނާސް އާއި އައިލެންޑް ރަނާސް މޯލްޑިވްސްގެ ދުވުންތެރިން ތުރުކީ މެރަތަންއިން ހޯދި ކާމިޔާބީ ރޭ ފާހަގަ ކޮށްފިއެވެ.

މާލޭ ކުޅިވަރު އެކުވެނީގައި ރޭ ބޭއްވި ހާއްސަ އިވެންޓްގައި ކާމިޔާބު ފާހަގަކުރުމުގެ އިވެންޓް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. އޭގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ އިސް ވެރިންނާއި އައިލެންޑް ރަނާސް މޯލްޑިވްސް އަދި މެރަތަން ރަނާސްގެ ގިނަ އެތުލީޓުންތަކެއްވެސް ރޭގެ އިވެންޓްގައި ބައިވެރިވެފައިވެއެވެ.

ރޭގެ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވަނީ ދުވުންތެރިންގެ މަސައްކަތް ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވީ ދުވުމުގެ ވަސީލަތްތައް ރާއްޖޭގައި އިތުރަށް ތަނަވަސްކުރުމަށް، ދުވާ ރަނގަޅު ފެސިލިޓީތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ތުރުކީގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި އިވެންޓްގައި އެންމެ ހާއްސަ ޝަރަފެއް ދީފައި ވަނީ ފުލްމެރެތަންގެ ގައުމީ ރެކޯޑު މިފަހަރު މުގުރާލި ޔޫސުފް އިބްރާހީމަށެވެ. ގައުމީ ހާފު މެރަތަންގެ ރެކޯޑުވެސް އޮންނަ ޔޫސުފް، ފުލް މެރެތަންގެ ރެކޯޑު މުގުރާލީ ތުރުކީގެ އަނަޓާލިއާގައި އޮތް ރަނަޓާލިއާ 2024 ރޭހުގައި ދުވެގެންނެވެ. ޔޫސުފް ރޭސް ނިންމައިފައި ވަނީ ދެ ގަޑިއިރާއި 29 މިނެޓް، 48 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން ރެކޯޑު އޮންނަނީ އައިލެންޑް ރަނަރސްގެ މުހައްމަދު ޝިފާޒްގެ އަތުގައެވެ. އޭނާގެ ޓައިމިންއަކީ ދެ ގަޑިއިރާއި 32 މިނެޓް، 56 ސިކުންތެވެ.

ރަނަޓޯލިއާ ރޭހަކީ ދިވެހީންގެ މެދުގައި މަގުބޫލު ރޭހެކެވެ. މިއަހަރުގެ ރޭހުގައިވެސް ގިނަ އަދަދެއްގެ ދިވެހި އެތުލީޓުން ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން އައިލެންޑް ރަނާސްގެ ގިނަ އެތުލީޓުން ވަނީ ރަނގަޅު ޓައިމިންތަކެއްގައި ރޭސް ނިންމައި، އަމިއްލަ ރެކޯޑުތައް އައުކޮށްފައެވެ.