ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަހާ ދިމާވާތީ އަވަސްކުރި ސްކޫލު އިމްތިހާނުތައް އަލުން ފަސްކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް ރައީސް މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން ސްކޫލު އިމްތިހާނުތަކަށް އަނެއްކާވެސް ލޮޅުމެއް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން މިހާރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ އަރިހުގައި ފަސޭހަގޮތެއް ހަމަޖައްސައިދެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

"މިފަހަރު މަޖިލިސް އިންތިހާބު މި އޮންނަ ޑޭޓް ބަދަލުވީމާ އެގްޒާމްތަކަށް އަނެއްކާވެސް ލޮޅުމެއް އައިސް، ދެ އެގްޒާމެއް އަވަސްކުރަން ޖެހުނުކަމުގެ މައުލޫމާތު ލިބުނީ. ދެން އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވައިގެން މިހާރު މިނިސްޓަރު ވަރަށް އަވަހަށް ހަމަޖައްސަވައިދެއްވާނެ އަވަސް ނުކޮށް ބާއްވަން. އެހެންވީމާ ދަތި ނުވާނެ ގޮތަށް ކުދިންނަށް، ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތަށް އެގްޒާމްތަކާއި ކުޅިވަރު އެކްޓިވިޓީސްތައް ކަލެންޑަަރަށް ހަމަޖައްސައިގެން ކުރިއަށްގެންދިއުމަށް މި މަސައްކަތްކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ޖެނުއަރީގައި ދިރާސީ އަހަރު ފެށޭގޮތަށް ބަދަލުކޮށްދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި 2026 ވަނަ އަހަރު ފެށޭއިރު އެ ބަދަލުތައް އަންނާނެ ކަމަށެވެ. އަދި ކުދިންގެ ކިޔެވުމުން ހައެއްކަ މަސް ގެއްލިފައިވަނީ ކުރިން ނުބައި ނިންމުމެއް ނިންމިފައިވާތީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުރިއަށްއޮތް ތަނުގައި އެ ނުބައި ރަނގަޅުކުރުމުގެ ބޭނުމުގައި ކުރެވޭ މަސައްކަތް މި ހިނގަނީ. އެހެންވީމާ ވަރަށް ގާތުން ޓީޗަރުންނާއި ޕްރިންސިޕަލުންނާއި އަދި ބެލެނިވެރިންނާ އެކީގައި މަސައްކަތް މިކުރަނީ. އިރާދަކުރެއްވިއްޔާ ގެންދާނީ ރަނގަޅަށް. މި ދޭތެރެއިން ޑޯޓުޑޯގައި ގޭގެއަށް ދިޔައިރުގައި ވެސް ބެލެނިވެރިން ފާހަގަކުރި 21 އޭޕްރީލްގައި އިންތިހާބު އޮންނާތީ ދެ އެގްޒާމެއް އަވަސްކުރަން ޖެހުނު މައްސަލަ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލު އިމްތިހާނު ބާއްވަން ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިމަހުގެ 14 ވަނަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި ކަމަށާއި އެހެންވެ ގުރޭޑު 7 ،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާނު މިމަހުގެ 17 އާއި އަންނަ މަހުގެ 25 އާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް އަންގާ ކަމަށެވެ. އަދި އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާ ނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައި މަޝްވަރާކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

އަނެއްކާވެސް ސްކޫލު އިމްތިހާނުތައް ފަސްކުރުމަށް ނިންމާފައިވީ ނަމަވެސް، އެޑިއުކޭޝަން މިނިސްޓަރީން އަދި ތާރީހުތައް އިއުލާންކޮށްފައެއް ނުވެއެވެ.