ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމަށް މަދަނީ މީހުންގެ ނަމުގައި އަންނަނީ އިންޑިއާ ސިފައިން ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތްކުރަނީ ރަނގަޅަށް ނޫން ކަމަށްބުނެ ފާޑުކިޔުންތައް އަމާޒުކުރަމުންދިޔަ ނަމަވެސް، އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި އިންޑިއާ ސިފައިން ބައިބަޔަށް ބަހާލައިގެން ތާވަލެއްގެ ތެރެއިން އެއްބަސްވެގެން އެދަނީ ފައިބަމުން ކަމަށެވެ. އަދި ވައުދުވީ ގޮތަށް އެކަން ފުރިހަމަކުރައްވަމުން ގެންދަވާކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން އޭގެ ބަދަލުގައި އަންނަނީ މަދަނީ މީހުންނެއް ނޫނޭ، އަނެއްކާވެސް ސިފައިން ޔުނީފޯމް ބަލައިގެން އަންނަނީއޭ. މިއީ އަޅުގަނޑު ހިތުން ސްޕެކިއުލޭޝަންގައި އުޅޭ، އެހެންނަމަވެސް ހަގީގަތެއް ނެތް ކަމެއް. އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް މިކަން މި ގެންދެވެނީ ރަނގަޅަށްކަން. އެއީ މިތަނުގައި އިންޑިއާގެ ތިން ޕްލެޓްފޯމު އޮތް އިރުގައި، އެތަކެތި އޮޕަރޭޓްކުރާނެ މީހުން އެބޭފުޅުންގެ ފަރާތުން މިވަގުތު ތިބެގެން އަޅުގަނޑުމެންނަށް މި ބަދަލު ގެންނަން އެންމެ ފަސޭހަވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ތިން ޕްލެޓްފޯމުގައި ވެސް ދިވެހިން ތިބެން ކަމަށާއި ނަމަވެސް ތަމްރީނުކުރުން ފަދަ ކަންކަމަށް ވަގުތު ނަގާނެ ކަމަށެވެ. އެހެންކަމުން ސިފައިން ބޭލުމުގެ ޓާގެޓް ހާސިލުވާނެ ދޭތެރެ މެދު ހައްލަކަށް އިންޑިއާގެ މަދަނީ މީހުން އޮޕަރޭޓްކުރާ ގޮތަށް ނިންމެވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސްގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެކަމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ދެ ގައުމުން ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލަން އެއްބަސްވެފައެވެ.
އެ އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ގަމުގައި ސްޓޭޝަންކޮށްފައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އަންނަ އެ ގައުމުގެ މަދަނީ މީހުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ރާއްޖެ އައިސްފައެވެ. އޭގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަންކޮށްފައިވާ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މެއި މަހުގެ 10ގެ ކުރިން ފޮނުވާލުމަށްވެސް ވަނީ ދެ ގައުމުން އެއްބަސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު