ފަލަސްތީނުގެ ގާޒާއަށް ކާބޯތަކެއްޗާއި ބޭހުގެ އެހީ އެތެރެކުރުމުގެ ހުއްދަ ދިނުމަށް އ. ދގެ އެންމެ މަތީ ކޯޓުން އަމުރުކޮށްފިއެވެ.

އދ. ގެ އެންމެ މަތީ ކޯޓު ކަމަށްވާ ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ''އައިސީޖޭ'' އިން އިއްޔެ ވަނީ އިޒްރޭލުން އަމަލުކުރަމުންދާ ގޮތް ބަދަލުކޮށް އިންސާނީ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް ލަސްނުކޮށް އަމަލުކުރުމަށް އަމުރުކޮށްފައެވެ.

އިޒްރޭލުން މީގެ ކުރިން ވަނީ ގާޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާފައިނުވާނެ ކަމަށް ބުނެފައެވެ. އަދި ކޯޓުން އަމުރުކުރުމާ އެކު އިޒްރޭލުން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް އދ. އާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

އިޒްރޭލުން ވަނީ ގާޒާގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ހަމާސް އިން ކަމަށާއި ހަމާސް އަކީ މި ހަނގުރާމަ ފެށި ފަރާތް ކަމަށް ތުހުމަތު ކޮށްފައެވެ.

އައިސީޖޭއިން އެގޮތަށް އަމުރުކޮށްފައިވާ އިރު، މިދިޔަ ޖެނުއަރީ މަހު ދެކުނު އެފްރިކާ އިސްވެ އޮވެ ދަހޭގުގެ ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅި މައްސަލަގައި އެ ކޯޓުން ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އަމުރުކޮށްފައެވެ. ނަމަވެސް އެއަމުރަށް ތަބާނުވެ އިޒްރޭލުން މިހާރު ވަނީ ކުރިޔަށްވުރެ ބޮޑަށް ހަމަލާތައް ވަރުގަދަކޮށްފައެވެ.