ހަ ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް، އަންނަ މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމުގެ މަސައްކަތްތައް ރަސްމީކޮށް ފަށައި، އިއްޔެ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން މުބާރާތް ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

އޭޝިއާގެ މައި ކެރަމް މުބާރާތް މިފަހަރު މި ބާއްވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މީގެ ކުރިން މި ސަރަހައްދުގައި ކެރަމްގެ އޭޝިއާ މުބާރާތް ބޭއްވީ، 2013 ވަނަ އަހަރުގައެވެ. އެފަހަރު ބޭއްވީ އިންޑިއާގެ ކަލްކަތާގައެވެ. މިފަހަރު މުބާރާތް ބާއްވަން އެންމެ ބޮޑަށް ބާރުއެޅީ ރާއްޖެއިންނެވެ.

މުބާރާތް އިއްޔެ ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެރަމް އެސޯސިއޭޝަންގެ އިސް ވެރިންނާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ ވާހަކަދައްކަވަމުން، މިނިސްޓަރު ރާފިއު ވިދާޅުވީ މުބާރާތުގެ ކަންކަން ރޭވުމުގައި ކެރަމް އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި، އަބަދުވެސް ރާއްޖޭގައި މުބާރާތެއް ބާއްވާ ނަމަ، އުންމީދުކުރަނީ ރަން މެޑަލް ގެންނާނެ ކަމަށް ކަމަށެވެ.

އަންނަ މަހުގެ 27 އިން ފެށިގެން ފަސް ދުވަހަށް ދިގުދެމިގެންދާ މުބާރާތް ކުޅޭނީ ސޯޝަލް ސެންޓަރު އިންޑޯގައެވެ. ބާރަ ވަރަކަށް ގައުމުން 120 އަށްވުރެ ގިނަ ކުޅުންތެރިންނާއި ޑެލިގޭޓްސް މުބާރާތުގައި ބައިވެރިވާ އިރު، ދުނިޔޭގެ އެންމެ ފުންނާބު އުސް ކުޅުންތެރިން ވެސް ފެނިގެންދާނެއެވެ.

ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ރައުޝާން އަހުމަދު ވިދާޅުވީ، ކުޑަ މުއްދަތެއްގެ ތެރޭގައި، އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަނާ ވާހަކަ ދައްކައިގެން، ރާއްޖޭގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުމާއެކު ގައުމުތަކަށް ދައުވަތު ފޮނުވައި، ރާއްޖޭގެ ގައުމީ ޓީމު މުބާރާތަށް ތައްޔާރުވުން ފެށި ކަމަށެވެ. އެގޮތުން މިވަގުތު އޮތް އެންމެ މުހިއްމު ކަމަކީ ރާއްޖެއަށް ރީތިނަން ހޯދައިދިނުން ކަމަށާއި، ޓާގެޓް ކުރަނީ މިހާރު ހޯދިފައިވާ ލެވެލްއަށްވުރެ މަތީ ފަންތިއެއްގައި މެޑަލް ހޯދުން ކަމަށެވެ.

މިވަގުތު ރާއްޖޭގެ ކެރަމް ފިރިހެން ޓީމަކީ ދުނިޔޭގެ ތިންވަނަ ޓީމެވެ. އަދި މިދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގެ އަންހެން ޓީމުންވެސް ވަނީ ދުނިޔޭގެ ތިންވަނަ ހޯދައިފައެވެ.

މިއީ ރާއްޖޭގައި ބޮޑު ކެރަމް މުބާރާތެއް ހޯސްޓްކުރާ ދެވަނަ ފަހަރެވެ. އެގޮތުން، 2014 ވަނަ އަހަރު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ. މިފަހަރު މުބާރާތް މާލޭގައި ބާއްވަން އެސޯސިއޭޝަނުން ނިންމާފައި ވަނީ ވީހާވެސް ގިނަ ސަޕޯޓަރުންނަށް މުބާރާތުގައި ކުޅޭ ދިވެހި ކުޅުންތެރިން ފެންނާނެ ކަހަލަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށެވެ.