އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތް ހެދުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން "އެންޓި ޑިފެކްޝަން ބިލް" އެއް މަޖިލީހަށް ހުށަހެޅީ ވަރަށް މުހިއްމު މަގުސަދެއްގައެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރު، ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް ވިދާޅުވި ބަހުރުވައިންނަމަ، އެއީ ޕާޓީގެ އާއްމު މެންބަރުން، ފައިގެ ކަކުލު ހުޅު ދުއްވާލައި، ބާވީހަކަށް ފައިވާން ހަލާކުވަންދެން ހިނގައިގެން ހޮވާ މެންބަރުން އެހެން ޕާޓީތަކުން ގަނެގެން ގެންދިއުން ހުއްޓުވުމެވެ. މާނައަކީ މެންބަރުން ޕާޓީ ބަދަލު ކުރުން ހުއްޓުވުމެވެ. މެންބަރު ޝަހީމް ތުހުމަތު ކުރައްވަނީ ޕާޓީ ބަދަލު ކުރުމަކީ މެންބަރުން ގަނެގެން ގެންދިއުން ކަމަށެވެ.
އެއީ އެމްޑީޕީގެ ވެރިކަން ބަދަލުވި ހާލަތުގައި އެޕާޓީގެ 13 މަޖިލިސް މެންބަރުން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތުމުން، އެ މެންބަރުގެ އިހްސާސްތައް ހުރި ގޮތް ކަމަށްވެސް ވެދާނެއެވެ. ހަގީގަތަކީ ޕީއެންސީއަށް ބަދަލުވި މެންބަރުން އެކަން ދޮގު ކުރައްވާކަމެވެ. އެ ބޭފުޅުން ތަކުރާރު ކުރައްވައި ވިދާޅުވަމުން ގެންދަވަނީ ބަދަލުގައި އެއްވެސް އެއްޗެއް ދީފައި ނުވާ ކަމަށެވެ.
ކޮންމެއަކަސް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޕާޓީ ދޫކޮށް ދިއުމުން ލިބުނު ހިތްދަތިކަމާއެކުވެސް ކަންނޭނގެއެވެ. އެމްޑީޕީން މަޖިލީހަށް "އެންޓި ޑިފެކްޝަން ބިލް" ހުށަހެޅިއެވެ. އެ ބިލް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.
މިދިޔަ މާޗް މަހުގެ 13ގައި މަޖިލިސް ތަޅުމަށް ހުށަހެޅި ބިލު އެމަހުގެ 26 ގައި މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ހަތް މެންބަރުން ހިމެނޭ ވަގުތީ ކޮމިޓީއަކަށް ފޮނުވިއެވެ. ދެ ދުވަހުގެ މަސައްކަތަށްފަހު އެ ކޮމިޓީން ބިލަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމަށްފަހު އެމަހުގެ 27 ވަނަ ދުވަހު ކޮމިޓީން ބިލް ފާސްކޮށް، މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ކޮމިޓީން ބިލް މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.
ކޮމިޓީން ބިލަށް ގެނައި އެންމެ މުހިއްމު އެއް ބަދަލަކީ، ސިޓީ ކައުންސިލްތަކުގެ ބައި ބިލަށް އިތުރު ކުރުމެވެ. ބިލްގެ ބަހުސްގައި މެންބަރުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީވެސް އެ މައްސަލައިގައެވެ. އެއީ މަޖިލީހަށް ބިލް ހުށަހެޅިއިރު، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އޮތީ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އެކަނި ކަމަށްވާތީއެވެ. ސިޓީކައުންސިލްތައް އޭރު ބިލުގައި ހިމަނައިފައެއްނެތެވެ. އެބައި ބިލުގައި ހިމެނީ ކޮމިޓީންނެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތަކަށްވެސް ކޮމިޓީން ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް ބިލުގައިވާގޮތުން އެ ހާލަތު މެދުވެރިވާނީ މެންބަރު، މަގާމުން އިސްތިއުފާ ދިނުމުންނެވެ. އެގޮތުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތަކެއް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން
- މެންބަރަކު އިންތިހާބުވެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުންކަމަށް ވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ. އަދި އެ މެންބަރަކު ޕާޓީން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
- ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
- އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
ބިލުގައިވާގޮތުން މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެއެވެ.
ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޑަބްލިޔުޑީސީގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައްވެސް ބިލުގައި ބަޔާންކޮށްފައި ވަނީ މަޖިލިސް ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާގޮތާ ގާތް ގޮތަކަށެވެ.
ނަމަވެސް ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޑަބްލިޔުޑީސީގެ މެންބަރުންނަށް، އިސްތިއުފާ ދޭންޖެހޭ ހާލަތެއް ބިލުގައެއް ނޯވެއެވެ. ބިލުގައި ކަނޑައަޅާފައިވާ ހާލަތު އައުމުން އެ ބޭފުޅުން މަގާމުން ވަކިވީކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
"އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސިޓީ ކަސުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެންބަރަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރި ވެއްޖެނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު އިންތިހާބުވެފައިވާ މަގާމަކުން އެމީހަކު ވަކި ވާނެއެވެ،" ބިލުގައި ބުނެފައިވެއެވެ.
- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުން
- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުވުން
- އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން
ބައި އިލެކްޝަން ބޭއްވުމާބެހޭގޮތުން ބިލުގައި ބުނެފައި ވަނީ، މި ގާނޫނުގައި ބަޔާންކުރާ ސަބަބެއް މެދުވެރިވެގެން މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު މެންބަރުކަމުން އިސްތިއުފާ ދީފިނަމަ ނުވަތަ ވަކިވެއްޖެނަމަ، ކަމާބެހޭ ގާނޫނުތަކާ އެއްގޮތަށް ބައި އިލެކްޝަން ބާއްވަން ވާނެ ކަމަށެވެ. އެ ބާއްވާ ބައިއިލެކްޝަނެއްގައި ވާދަ ކުރުމުގެ ހައްގު ގޮނޑި ގެއްލޭ މެންބަރަށް ލިބިގެންވާ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބޮޑު ކަމަކަށް، ފަސް ބާބުގެ މައްޗަށް، އެންމެ 8 މާއްދާ ހިމެނޭގޮތަށް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވި މި ކުޑަ ބިލުން، ރައްޔިތުންނަށް ދީފައިވާ ރިކޯލް ވޯޓުގެ ބާރު ވަނީ އުނިކޮށްފައެވެ.
މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މަޖިލިސް މެންބަރެއްގެ ރިކޯލް ވޯޓު އެ މެންބަރަކު އިންތިހާބު ކޮށްފައިވާ ދާއިރާގައި ނެގުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމާއެކު އެކަމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ބަޔާން ކުރުންވެސް، މަޖިލީހަށް ބިލް ހުށަހެޅިއިރު މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމަނައިފައި އޮތެވެ. ނަމަވެސް އެބައިވެސް އަދި ރީކޯލް ވޯޓު ނަގަން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތް މުޅި ބާބު ވެސް ބިލުން ވަނީ އުނިކޮށްފައެވެ.
- ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު، އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން
- މަޖިލީހަށް މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި، އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެ މެންބަރަކު ޕާޓީން ވަކިކުރަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން
ބިލު އޭރު އޮތްގޮތުން މިއިން ހާލަތެއް ދިމާވާތާ 30 ދުވަހުގެ ތެރޭގައި ރިކޯލް ވޯޓު ނަގަންވާނެއެވެ. ވޯޓު ނަގަންވާނީ އެ މެންބަރަކު ތަމްސީލުކުރާ އިދާރީ ދާއިރާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށް ވެސް ބަޔާންކޮށްފައިއޮތެވެ.
އެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަކަމަށް، ވޯޓުލި މީހުންގެ އަގުލަބިއްޔަތުން ނިންމައިފި ނަމަ، އެކަން އެ މެންބަރަކަށް އިލެކްޝަންސް ކޮމިޝަނުން އަންގާ ދުވަހު އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބިލުގައި އޮތެވެ. އަދި އެ މެންބަރަކު މަގާމުގައި ބަހައްޓަން ވޯޓުން ނިންމައިފިނަމަ، އެ މެންބަރަކު އިހްތިޔާރުކުރާ ޕާޓީއަކާ ގުޅުމުގެ ހައްގު މެންބަރަށް ލިބިގެންވާ ކަމަށްވެސް ހިމަނާފައި އޮތެވެ. ނަމަވެސް އެ ހުރިހާ ބައެއް ކޮމިޓީން ވަނީ އުނިކޮށްފައެވެ.
ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވި ގޮތަށް އުނި އިތުރެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން މި ބިލް ވަނީ ފާސްކޮށްފައެވެ.
ނަމަވެސް މަޖިލިސް މެންބަރުންގެ ކަންތަކުގައި ބިލު ވަށައިޖެހިގެން މިއަންނަނީ ހަމަ މިހާރުވެސް އޮތް ތަނަށެވެ. އެއީ މެންބަރު އިސްތިއުފާދީގެންނޫން ގޮތަކަށް މަޖިލިސް ގޮނޑި ހުސްވާނެގޮތެއް ބިލަކު ނެތެވެ. މިހާރުވެސް އޮތީ އެގޮތަށެވެ. ކޮންމެ މެންބަރަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދިނަސް ގޮނޑި ހުސްވާނެކަން މިހާރުވެސް ކަށަވަރު ކޮށްދެއެވެ.
ބިލުގައި އޮތް ގޮތުންވެސް މަޖިލިސް ގޮނޑި ހުސްވާނީ މެންބަރު އިސްތިއުފާ ދޭން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ހާލަތެއް މެދުވެރިވެގެން އެ މެންބަރު އިސްތިއުފާ ދީފިނަމައެވެ. އިސްތިއުފާ ނުދީފިނަމަ، ދެން ކަން ކުރާނެ ގޮތެއްވެސް ބިލަކު ނެތެވެ. އެހާލަތުގައި ގޮނޑި ގެއްލޭނެތޯ އެއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. އެހެން ކަމުން ގޮނޑި ގެއްލޭ ބިލް ފާސްމި ކުރީ އިސްތިއުފާދޭ ބިލެއްގެ ގޮތުގައެވެ. އެހެންކަމުން ބިލް ފާސްކޮށްފައި މިވަނީ އަގުޅިނެތް ކަންނޭލެއްފަދަ ހަރުދަނާކަމެއް ނެތް އެއްޗެއްގެ ގޮތުގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް