ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 102،186 އެމެރިކާ ޑޮލަރު ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވްއިން އެ އެސޯސިއޭޝަނަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ އަގަށްވާ 102،186 އެމެރިކާ ޑޮލަރާއި އެ ފައިސާ ދައްކަންޖެހޭ މުއްދަތަށް ފައިސާ ދައްކާފައި ނުވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެ ފައިސާ ދައްކަންޖެހޭ މުއްދަތުން ފެށިގެން ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް 20 ޕަސެންޓުގެ ރޭޓުން ޖެހޭ ފައިސާގެ މިންވަރާއެކު އެއްފަހަރާ އެ ފައިސާ ހޯދުމަށް ބީހައިވްގެ ފަރާތުން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.
އެފްއޭއެމުން ދައްކަންޖެހޭ 102،186 އެމެރިކާ ޑޮލަރަށް އެފްއޭއެމުން އެއްފަހަރާ ދެއްކުމަށް އެއްބަސްވެފައިވާތީ ބީހައިވް އިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދުނު ޖޫރިމަނާގެ 20 ޕަސެންޓް މައާފުކޮށްދީފައެވެ.
އެހެންކަމުން 102،186 އެމެރިކާ ޑޮލަރަކީ އެފްއޭއެމުން ބީހައިވްއަށް ދައްކަންްޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ވަަނަ ދުވަހުގެ ކުރިން އެ މަހަކަށް ޖެހޭ އަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ، ސިވިލްކޯޓަށް ދައްކައި މި ދަރަނި ހަލާސް ކުރުމަށް ސިވިލްކޯޓުން ވަނީ އެފްއޭއެމްގެ މައްޗަށް މިއަދު ހުކުމްކޮށްފައެވެ.
މީގެ ކުރިންވެސް ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 32،426 އެމެރިކާ ޑޮލަރު ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު