އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލުގައި، މޭޔަރުންނާއި ސީޓީ ކައުންސިލްތައް ހިމަނައި އެ ބިލު ދިރާސާކުރި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެވެސް ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު، މަޖިލީހަށް ހުށަހެޅިއިރު އެ ބިލުގައި ސިޓީތައް ހިމްނައިފައެއް ނުވެއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. އެ ބިލުގައި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާއި ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް، އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ގެއްލޭނެ ހާލަތްތައް މިހާރު ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ބިލު ހުށަހެޅި އިރު ހިމަނާފައި އޮތް ރީކޯލް ވޯޓު ނެގޭނެ ހާލަތްތައް ބިލުން ވަނީ އުނިކޮށްފައެވެ.

  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން
  • މެންބަރަކު އިންތިހާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުންކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ. އަދި އެ މެންބަރަކު ޕާޓީން ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
  • ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
  • އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެކަމަށް ބިލުގައިވެއެވެ.

  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބު ވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
  • ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުވުން
  • އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ސިޓީ ކަސުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ މެންބަރަކަށް މި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރި ވެއްޖެނަމަ، އެކަން އިލެކްޝަންސް ކޮމިޝަނުން ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް އަންގާ ދުވަހުން ފެށިގެން، އެމީހަކު އިންތިހާބުވެފައިވާ މަގާމަކުން އެ މީހަކު ވަކި ވާނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

  • މި ގާނޫނުގެ ދަށުން ހުސްވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއްނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނާ އެއްގޮތްވާގޮތުގެމަތިން އެ ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބޭއްވުން
  • މި ގާނޫނުގެ ދަށުން ހުސްވީ ސިޓީކައުންސިލްގެ ނުވަތަ އަތޮޅު ކައުންސިލްގެ ނުވަތަ ރަށު ކައުންސިލްގެ ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީއެއްގެ ގޮނޑިއެއްނަމަ ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލްތަކިގެ އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނާ އެއްގޮތްވާގޮތުގެމަތިން އެތަނެއްގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބޭއްވުން

ބިލުގައިވާގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެގެން ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރެއްގެ ގޮނޑި ހުސްވާ ހާލަތުގައި، އެ މީހަކަށް އެ ދާއިރާގައި އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައި އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިގެންވެއެވެ.