އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

ފައްޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރު ފަހު 3:00 ޖެހިއިރުއެވެ.

ފައްޔާޒް ފުލުހަށް ހާޒިރުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްގެ ތަހުގީގަށެވެ. ނަމަވެސް އެ ތުހުމަތުތައް ފައްޔާޒް ދޮގުކުރައްވައެވެ.

ފައްޔާޒާއި އޭނާގެ ގާނޫނީ ޓީމު ހާޒިރުވީ ހެންވޭރު ބޯޅަދަނޑު ކައިރީގައި ހުންނަ ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.

ފައްޔާޒް ފުލުހަށް ހާޒިރުކުރި އިރު، މިއީ ސިޔާސީ ލީޑަރަކު ފުލުހުންގެ ތަހުގީގަކަށް މި ވެރިކަމުގައި ހާޒިރުކުރި ފުރަތަމަ ފަހަރެވެ.