މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްރަށުން ޕާސްޕޯޓްގެ ހިދުމަތާއި އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ސިޓީތަކުންނާއި އަތޮޅު ކައުންސިލްގެ އިދާރާއިން ޕާސްޕޯޓްގެ ހިދުމަތާއި އައިޑީ ކާޑު ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް ކަމަށެވެ.

އެކަމުގެ ތަފުސީލުތައް ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، އަތޮޅު ތެރޭގައި ޕާސްޕޯޓްގެ ހިދުމަތް ފަށާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އަތޮޅު ތެރެއަށް މުވައްޒަފުން ނެގުމާއި އެކިއެކި ވަސީލަތްތައް ހޯދުންފަދަ އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޝަމްއާން އިތުރަށް ވިދާޅުވީ، އަތޮޅުތަކުންނާއި ސިޓީތަކުން ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު އަމާޒަކީ އިމިގްރޭޝަންގެ އެހެން ހިދުމަތްތައްވެސް އެ ތަންތަނުން ލިބޭނެ ގޮތް ހެދުން ކަމަށެވެ.

އައިޑީކާޑު ހިދުމަތުގެ ތަފުސީލުތައް ދެއްވަމުން ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވިދާޅުވީ، ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގައި މާލެ އެކޭ އެއްގޮތަށް އައިޑީ ކާޑު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ އައިޑީކާޑު ޕްރިންޓިންގެ ހިދުމަތްވެސް ލިބޭނެ ގޮތް ހެދުން ކަމަށެވެ.