ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އަހުމަދު މިއަދު ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް އަދި ރަސްމީ ގޮތެއްގައި އެމްއެމްއޭއަށް ލިބިފައިނުވާ ކަމަށެވެ.
"ޗައިނާ ލޯނުތައް ރީސްޓްރަކްޗާ ކުރެވުނު ކަމުގެ ރަސްމީ މައުލޫމާތެއް އަދި އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" އިމާދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެގައުމުން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި މިހާރު އޮތް ޕްލޭން ނުވަތަ ޝެޑިއުލަށް ލުއިތަކެއް ގެނައުމުގައި ދެ ގައުމުގެ އެންމެ އިސްލެވެލްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
"ޗައިނާގެ ރައީސަށް އެކަންތައް އަޅުގަނޑު ހުށަހެޅުމުން ވަގުތުން ރަސްމީ ޓޯކްސްގައި ކަމާބެހޭ އިސްވެރިންނަށް އަންގައި އެކަމާ ބެހޭ ގޮތުން ރާއްޖެއަށް ވަރަަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވައި ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކުގެ ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދެއްކުމުގައި، ފަސް އަހަރު ދުވަހު ވީހާވެސް ބޮޑަށް ގްރޭސް ޕީރިއަޑެއްލައި ދަމާލަން ހަމަޖައްސަން އެދިވަޑައިގެން،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ލޯނުތައް ވީހާވެސް ފަސޭހައިން ދެއްކޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި އެގައުމުގެ ފައިނޭންސް ޓީމެއް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ އެކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިތަކެއް ލޯނު ދެއްކުމުގައި ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު