ދިވެހީންގެ ރާއްޖެއަށް ދިއުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ މަޖިލިސް ކާމިޔާބުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި އެ މަނިކުފާނު ތާއީދާއެކު ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް ހުސެއިންގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ "ދިވެހީންގެރާއްޖެ" އަށް ދިޔުމަށް ފަށާފައިވާ ދަތުރުގެ މަސައްކަތް ކާމިޔާބުވާނީ މަޖިލިސް ލިބިގެން ކަމަށާއި އެކަން އެގޮތަށް ވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"މަޖިލިސް ކާމިޔާބުކުރުމަކީ ދިވެހީންގެ ރާއްޖެއަކަށް ދިޔުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް،" މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގުތިސޯދީ ކަންކަމަށް އަދި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަން ހަމަޖެހިފައިވާ ކަންކަމަށް އެއްބާރުލުންދޭނެ ފަރާތްތަކެއް މަޖިލީހަށް އިންތިހާބު ކުރުމަކީ ޒަރޫރީ ކަމެއް ކަމަށެވެ.

"ޒަރޫރީ ކަމަކަށް ވަނީ ކަންކަމުގެ ހަގީގަތް އަޅުގަނޑުމެން ބަލައިލާ އިރުގައި ފެންނަން ހުރި ހަގީގަތްތަކުގެ ސަބަބުން. މި ވޭތުވެގެންދިޔަ ހަތަރުމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަ ފެނިގެން ގޮސްފައި މިވަނީ މި ވިސްނުމުގައި މަސައްކަތް ނުކުރާ ބަޔަކު ތިއްބަވައިގެން ރައްޔިތުންނަށް ކުރަމުންދިޔަ އުނދަގޫތައް. އަޅުގަނޑުމެން ފާސްކުރަން ބޭނުންވާ ރައްޔިތުންނަށްޓަކައި ހުށަހަޅާ ބިލުތައް ތަޅުމުން ބޭރުކުރާތަން ފެންނަނީ،" ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ ހައްގުގައި މި ގައުމުގެ އިގުތިސޯދު ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެން ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު އަލުން ވަރުގަދަކޮށް އެއް ފަންޑަށް ހާއްސަ ގާނޫނެއް ފާސްކުރުން. އެ މަސައްކަތް ކުރުމަށް މި 100 ދުވަސް ނިމިގެން ދިޔައިރު ހަފުތާ 14 މެނިފެސްޓޯގައި އެންމެ މުހިންމު އެންމެ ފުރަތަމަ ބިލެއްގެ ގޮތުގައި މަޖިލީހަށް ވެއްދި ބިލަކީ ވެސް މި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާ ބެހޭ ބިލު. މިއަދު އެވަނީ މަޖިލީހުން ބޭރުކޮށްލާފައި. ދޭނެ އެއްވެސް ޖަވާބެއް ނޯންނާނެ އިންސާފުވެރިކަމާއެކު ވާހަކަދައްކަވާ އެއްވެސް ބޭފުޅަކަށް. ރައްޔިތުން އެއަށް މިހާރު އެބަޖެހޭ އެ ބޭފުޅުންގެ ޣައިރު ޒިންމާދާރު އަމަލަށް ކުރިއަށް އޮތް އިންތިހާބުގައި ޖަވާބު ދެއްވަން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތަށް އަދި ރައްޔިތުންގެ ކުރިއެރުމަށް ހުރަސް އަޅާނެ ބަޔަކު އިތުރު ދައުރަކަށް، ފަސް އަހަރަށް އިންތިހާބުކުރަންވީތޯ ނިންމާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން ތިބީ ހެޔޮވިސްނުމުގައި ކަމަށްވާތީ ރައްޔިތުން، އެ މެމްބަރުން އިތުރު ދައުރަކަށް އިންތިހާބު ނުކުރާނެކަން ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން މަސައްކަތް ކުރާނީ ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިހާބުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. މީ ގައުމީ ޖޯޝުގައި ނުކުމެ މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން އިންތިހާބު ކުރަންވީ ވަގުތު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.