ކުރީގެ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ، މިނިވަން ކޮމިޓީގެ މެމްބަރުކަމުން ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފިއެވެ.

"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ފްލެޓާއި ގޯތި ކޮމިޓީން އަނީސާ އިސްތިއުފާ ދެއްވި އިރު، އެކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅައި މެސެޖު ކުރުމުންވެސް ޖަވާބު ދެއްވާފައި ނުވާތީ މިކަމުގައި އަނީސާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ނަމަވެސް ބައެއް އޮންލައިން ނޫސްތަކަށް އަނީސާ ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެެއްވީ ސިއްހީ ސަބަބުތަކާ ހުރެ، އެ ކޮމެޓީއަށް ދެއްވަންޖެހޭ ވަގުތު އެކަށީގެންވާ މިންވަރަށް ނުދެއްވޭތީއެވެ.

އަނީސާ ވިދާޅުވެފައިވާ ގޮތުގައި ކޮމިޓީ އެކުލަވާލި ފަހުން އޭނާއަށް ބައިވެރިވެވުނީ އެންމެ ބައްދަލުވުމެއްގައެވެ. އަދި އޭނާގެ އިސްތިއުފާގެ ސިޓީ ފޮނުއްވީ މީގެ ދެތިން ދުވަސް ކުރިން ކަމަށް އަނީސާ ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އުފެއްދެވި ކޮމެޓީގެ ޗެއާއަކީވެސް އަނީސާއެވެ. އަނީސާގެ އިތުރުން އެ ކޮމިޓީގައި ދެން ތިއްބަވަނީ އާމިނަތު އީނާސް އަހުމަދު އަލީ މަނިކު، އަބްދުލްއަޒީޒު ޔޫސުފްގެ އިތުރުން މަރިޔަމް ފިޒާނާ ރަޝީދެވެ.