ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނެބިލިޓީ އުސޫލާ ހިލާފުވެފައިވާތީ، ނޮޓިންހަމް ފޮރެސްޓް އަތުން އަތުލި ހަތަރު ޕޮއިންޓްގެ މައްސަލަ، އެ ކްލަބުން އިސްތިއުނާފު ކޮށްފިއެވެ.

ޕްރިމިއާ ލީގުގެ ޕްރޮފިޓް އަދި ސަސްޓެއިނިބިލިޓީ އުސޫލުގެ ދަށުން އެ ލީގުގެ ކްލަބަކަށް ތިން އަހަރުން 105 މިލިއަން ޕައުންޑަށްވުރެ އިތުރަށް ގެއްލުން ވެއްޖެނަމަ އަދި ސީޒަނެއްގައި 61 މިލިއަން ޕައުންޑަށްވުރެ ގެއްލުން ބޮޑުވެއްޖެނަމަ ފިޔަވަޅު އަޅާނެއެވެ. ފޮރެސްޓަށް ފިޔަވަޅު އަޅާފައި ވަނީ މިނިވަން ކޮމިޝަނަކުން ބަލައި، މިދިޔަ 2022-23 ވަނަ އަހަރު ސީޒަނުގައި އެ ކްލަބަށް 61 މިލިއަން ޕައުންޑަށްވުރެ، 34.5 މިލިއަން ޕައުންޑް ގެއްލުން ވެފައިވާތީއެވެ.

ޕޮއިންޓް އުނިކުރުމާ ގުޅިގެން ފޮރެސްޓުން ނެރުނު ބަޔާނެއްގައި ބުނީ ޕްރިމިއާ ލީގަށް އެއްބާރުލުން ދީގެން މަސައްކަތް ކުރަމުން ދަނިކޮށް، އެ ކްލަބު ބަދުނާމުވާފަދަ ގޮތަކަށް ފިޔަވަޅު އެޅުމަކީ ލިބުނު ހައިރާން ކަމެއް ކަމަށެވެ. އަދި އެ ކްލަބަށް ސަޕޯޓަރުން ކުރަމުންދާ އިތުބާރަށް ހުރަސް އެޅުމަށް ޕްރިމިއާ ލީގުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ގޮވާލައި، ފޮރެސްޓުން ބުނެފައި ވަނީ ހުރިހާ ކްލަބާމެދު ހަމަހަމަ އުސޫލަކުން ކަންކަން ކުރުމަށެވެ.

ފޮރެސްޓުން މައްސަލަ އަލުން ބަލައި، ފިޔަވަޅު ކުޑަކޮށް ދޭން ޕްރިމިއާ ލީގަށް އެދިފައިވާއިރު، އެކަމާ ގުޅިގެން އިތުރު ބަހެއް ބުނަން އެ ކްލަބުން ވަނީ އިންކާރުކޮށްފައެވެ.

ފޮރެސްޓުން 2022 ވަނަ އަހަރު ޕްރިމިއާ ލީގަށް އެނބުރި އައިސްފައިވާއިރު، ފުރަތަމަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އެ ކްލަބުން ވަނީ 22 ކުޅުންތެރިޔަކު ޓީމަށް ގެންގޮސްފައެވެ. 2020 ވަނަ އަހަރު ފޮރެސްޓަށް ތިން މިލިއަން ޕައުންޑްގެ ގެއްލުން ވެފައިވާއިރު، ޖެހިގެން އައި އަހަރު، އެ ކްލަބަށް ވަނީ 45 މިލިއަން ޕައުންޑްގެ ގެއްލުންވެފައެވެ. އަދި 2023 ވަނަ އަހަރު 52 މިލިއަން ޕައުންޑް ގެއްލުމާއެކު، ފޮރެސްޓްގެ ޖުމުލަ ގެއްލުން މިހާރު ވަނީ 95 މިލިއަން ޕައުންޑަށް އަރައިފައެވެ.