ރައީސުލްޖުމްހޫރިއްްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އެކި ރަށްރަށުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ އަގު ދެ ބިލިޔަން ރުފިޔާއަށްވުރެ މަތި ކަމަށާއި ރަނގަޅު ގޮތުގައި މަސައްކަތްތައް ކުރިއަށް ނުދަނީ އެ ސަބަބާހުރެ ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައި ހުރި ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުގެ މަސައްކަތް ހަރުދަނާކޮށް ވަރުގަދަކޮށް ކުރިއަށްދަން ކުރައްވާ ކަންތައްތަކާ ގުޅޭ ގޮތުން، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ، ސަރުކާރާ ހަވާލުވި އިރު، ގިނަ ސަރަހައްދުތަކެއްގައި ހަދަން ފަށާފައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހުރީ ހުއްޓިފައި ކަމަށެވެ.
ނަމަވެސް ކޮންޓްރެކްޓަރުންނާއެކު ވާހަކަދައްކައިގެން އޭގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
"މައިގަނޑު ގޮތެއްްގައި އަޅުގަނޑުމެނަށް މި ފާހަގަކުރެވުނީ އާދަޔާ ހިލާފަށް ގިނައިން ގިނަ ޕްރޮޖެކްޓްތަކެއް އެއްފަހަރާ ހަވާލުކޮށްފައި ހުރި ހުރުން 2023 ވަަނަ އަހަރުގެ ތެރޭގައި ބަލާލި އިރު، ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ޖުމުލަ އަދަދު ދެ ބިލިޔަނަށްވުރެން ބޮޑު،" ހަލީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހެލްތް މިނިސްތްރީގެ މި އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީއަށް ހިމަނާފައިވަނީ 380 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ފައިނޭންސް ހުރި ގޮތަށް މެނޭޖުކޮށްގެން ނޫނީ ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު