ރާއްޖެއިން ތައިލެންޑަށް އެކްސްޕޯޓްކުރާ މަސްތައް ރިޖެކްޓް ކުރުމުގައި މިފްކޯގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން ހިމެނޭ ކަމަށް މިފްކޯގެ ސީއީއޯ ބިއުރޯގެ ސެކްރެޓޭރިއަޓް އިބްރާހިމް ސައީދު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު މަގާމުން ސަސްޕެންޑް ކުރުމުން އެ ކުންފުނި ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން ބޮޑެތި އަގުތަކެއްގައި މުދާ ގަތުމުގެ ޕްރޮކިއުމެންޓްތަކެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

"މި ހަމަލާ (ސީއީއޯ ސަސްޕެންޑް ކުރުން) އެބަ ތުހުމަތު ކުރެވޭ ތައިލެންޑުގެ މި ވިޔަފާރީގައި ތިބި ބައެއްގެ ޕޭރޯލްގައި މިފްކޯގެ މުވައްޒަފުންތަކެއް ތިބިކަން. ބަލަން އެބަ ޖެހޭ އެކަމުގައި ޕީސީބީ ވެސް އޮތީ ގުޅިފައިތޯ،" ސައީދު ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން، މިވަގުތު ސަސްޕެންޑް ކޮށްފައި ހުންނެވި މިފްކޯގެ ސީއީއޯ ސަމާހު ވިދާޅުވީ އެ ކުންފުނީގެ ކުރީގެ މެނޭޖުމެންޓުން ތެޔޮ ވިއްކައިގެން ކުންފުންޏަށް ފޫނެއް ބޯޓެއް ގަނެފައިވާ ކަމަށާއި ނަމަވެސް އެއީ ރަނގަޅަށް ހިނގި މުއާމަލާތެއްކަން އޮޑިޓް ރިޕޯޓުގައި ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ކުންފުނީގެ އިންޓާނަލް އޮޑިޓަރު އަދި ޗީފް އޮޑިޓަރު ޝައުން ޝަރީފު ސަސްޕެންޑް ކުރީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމާހު ވިދާޅުވީ، ޝައުންގެ އަނބިކަނބަލުންނަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރު ކަމަށާއި އެހެންވެ ސީއީއޯގެ މަގާމުން އޭނާ ސަސްޕެންޑް ކުރުމުގެ ފަހަތުގައި ނުފޫޒު އެބަ އޮތް ކަމަށެވެ.

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން
  • ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
  • ކުންފުނީގެ މުވައްޒަފުން ނެގުމާ ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި ރަށްޓެހިންނަށް ބަޖެޓު ނެތް އިރުވެސް ވަޒީފާދިނުން
  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލައި ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
  • ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އިއުލާނު ނުކޮށް މުވައްޒަފުން ނެގުމާއި އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
  • އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
  • ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން
  • ކުންފުނީގެ އޮޓް ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެކޮމިޓީއަށް ލުން
  • ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން
  • ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
  • ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް، ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުމާއި ވަސީލަތްތަކަށް އެކްސެސް ވެވުން
  • ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލައި ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި ދަތުރުކުރާ އިރު، ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން