މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ވަނީ ދާއިމީ ވޯޓާސް ލިސްޓު ގެޒެޓުކޮށްފައެވެ.

ލިސްޓުގައިވާ ގޮތުން މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 284،663 މީހުންނަށް ލިބިގެންވެއެވެ. އެއީ 139،361 އަންހެނުންނާއި 14،5302 ފިރިހެނުންނެވެ.

އީސީން އެންމެ ފުރަތަމަ ނިންމީ މަޖިލިސް އިންތިހާބު މިމަހުގެ 17 ގައި ބޭއްވުމަށެވެ. ނަމަވެސް ރޯދަ މަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭނެ ކަަމަށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން އީސީން ނިންމީ މަޖިލިސް އިންތިހާބު މިއަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށެވެ.

އިންތިހާބުގައި ވޯޓުލުމަށް 602 ވޯޓު ފޮށި ބަހައްޓާނެއެވެ. ދާއިރާތަކުގެ އަދަދަށް ގެނައި ބަދަލާ އެކު 20 ވަނަ މަޖިލީހުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުވާނެއެވެ. އިންތިހާބުގައި އެ ދާއިރާތަކަށް ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރާނެއެވެ.