ފަލަސްތީނުގެ ގާޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.

އިޒްރޭލަށް ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން، ހަމާސް ނައްތާލަން ކަމަށް ބުނެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި މީގެ ކުރިން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރި ނަމަވެސް މި ފަހަރު ނިންމީ ވޯޓުގައި ބައިވެރި ނުވުމަށެވެ.

ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން ތާއީދުކޮށްގެން ފާސްކުރި އެ ގަރާރު ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފައެވެ.

ގާޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް އެއަށް އަމަލުނުކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ވިދާޅުވެފައެވެ.