އިންޑިއާގެ ކަނޑުގެ ސިފައިންގެ ބަޔަކު ރާއްޖޭގެ މަސްދޯނިތަކަކަށް އެރީ މިސް ކޮމިއުނިކޭޝަނަކުން ކަމަށް ރަސްމީ ފަރާތްތަކުން މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ރާއްޖޭގެ މަސްދޯނިތަކަކަށް އިންޑިއާގެ ކޯސްގާޑުގެ ސިފައިން އެރި މައްސަލައާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ، ހުސްވި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހއ. ކެލާގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އަސުރުމާ 3، މާހޯރަ 3 އަދި ނިރު 7، މަސްދޯނި އެއްތަނަކަށް ގެނައުމަށްފަހު އެ ދުވަހުގެ 2:58 އާއި 4:00 އާ ދެމެދުގެ ވަގުތެއްގައި އިންޑިއާގެ ކޯސްޓްގާޑުގެ ދެ އުޅަނދެއްގެ ބޯޑިން ޓީމުތަކުން އެ ދޯނިތަކަށް އަރާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެކެއް ފެބްރުއަރީގައި މާހޯރަ ދޯނި ހއ. އިހަވަންދޫއަށް ދިއުމަށް ދަތުރުކުރަނިކޮށް ހއ. މޮޅަދޫގެ 20 ނޯޓިކަލް މޭލު ބޭރުން އެ ދޯނި ހުއްޓުވައި އިންޑިއާ ސިފައިން އަރާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މަސްދޯނިތަކަށް އަރާފައި ނޯމަލް ސާޗެއް ގެންދިޔައީ، ދޯނީގެ އެތެރެ ވަތްތަކާއެކީގައި ބޯޑިން ޓީމުތަކުން ސާޗް ކުރި، އަދި ދިވެހި މަސްވެރިން ގެންގުޅުނު މުއާސަލާތީ ފޯނުތައް ޗެކުކުރި އޭގައި ހުރި ބައެއް ވީޑިއޯތައް، އެ މީހުން ބޯޑުކުރި މަންޒަރުގެ، އެ މީހުންނަށް ފެނުނު ފޮޓޯއާއި ވީޑިއޯ ޑިލީޓް ކުރި، އެ މީހުން ކުރިކަމަށް މި ވަގުތު ފާހަގަކުރެވޭ އެންމެ ބޮޑެތި ކަންތައްތަކަކީ އެއީ،" ގައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކޯސްޓްގާޑަށް މަސް ދޯނިތަކަށް އަރާކަމުގެ މައުލޫމާތު ނުދީ އެކަން ހިންގުނީ މިސް ކޮމިއުނިކޭޝަނެއްގެ ތެރެއިން ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށެވެ. ނަމަވެސް ދޯނިތަކަށް އެރީ އޭގައި ސެޓަލައިޓް ފޯންތަކެއް ބޭނުންކުރާތީ އެ ހުރިތޯ ކަށަވަރު ކުރުމަށް ކަމަށް ބޯޑިން ޓީމުތަކުން މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ، ސެޓަލައިޓް ފޯނު ބޭނުން ކުރުމަކީ ގަވާއިދާ ހިލާފުކަމެއް ކަމަށް އިންޑިއާ އިން ބުނި ނަމަވެސް އިންޑިއާގެ ގާނޫނު ބުނާ ގޮތުން ސެޓެލައިޓް ފޯނު ބޭނުންކުރުން މަނާވަނީ އިންޑިއާ ސަރަހައްދުގެ ތެރޭގައި އެކަނި ކަމަށެވެ.

އެއީ ރާއްޖޭގެ ސަރަހައްދުގައި ބޭނުންކުރުން ހުއްދަ އެއްޗެއް ކަމަށާއި ވަކި ސަރަހައްދަކަށްވުރެ ބޭރަަށް ދޯނި ފަަހަރު ނުކުންނަ ނަމަ ރާއްޖޭގެ ދޯނިތަކުގައި އެއީ ގެންގުޅެން ލާޒިމުކުރާ ފޯނެއް ކަމަށްވެސް ވިދާޅުވިއެވެ.