ދައުލަތުގެ ސިއްރުތައް ހިފެހެއްޓުމާބެހޭ ގާނޫނެއް އެކުލަވާލަންޖެހޭ ކަމަށާއި އެ ނިޒާމުގެ ތެރެއިން ދައުލަތުގެ ސިއްރުތައް ހާމާކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ރާއްޖޭގެ ދިފާއީ ކަންކަމަށް ގެންނަ ތަކެއްޗާބެހޭ މައުލޫމާތު ހާމަކުރުމަކީ މީގެ ކުރިން ކުރަމުން އަންނަ ކަމަކަށް ނުވެފައި މިހާރު އެކަންތައް ކުރައްވަނީ ކީއްވެގެންތޯ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ، ރާއްޖޭގެ ސިއްރުތައް ހިފެހެއްޓުމާބެހޭ ގާނޫނެއް އެކުލަވާލަންޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"ކްލެސިފިކޭޝަން ލެވެލްތަކެއް ލާފައި ދައުލަތުގެ އެކިވަރުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ކަށަވަރު ކުރުމަށްޓަކައި އެ ނިޒާމުގެ ތެރެއިން ސިއްރުތައް ހާމަކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި އެ ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ޒިންމާދާރު މީހުންނާ ހަވާލުކުރަންޖެހޭ،" ގައްސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަހަލަ ނިޒާމެއް ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާ ބައްދަލުކުރަން ލިބުނު ފުރުސަތުތަކުގެ ތެރޭގައި އެ ކޮމިޓީއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެފަދަ ނިޒާމެއް އެކުލަވާލެވިއްޖެ ނަމަ ބޭނުންވާ މުހިންމު ސިއްރު މައުލޫމާތު ވަގުތުން ވަގުތައް ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ މަޝްވަރާ ކުރެވިގެން ހާމަކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މާނައަކީ ރައްޔިތުންނާއި ސަރުކާރާ އަބަދުވެސް ހިއްސާ ކުރެވިގެން މަޝްވަރާ ކުރެވިގެން ކުރިއަށް ގެންދެވޭނެ އެއީ އެއްވެސް ސިޔާސީ ބޭނުމެއްގައި އެކަހަަލަ މައުލޫމާތުތައް ހާމަކުރުން ހުއްޓުވުމަށްޓަކައި،" ގައްސާން ވިދާޅުވިއެވެ.