ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަން ފަށައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައިގައި މިިދިޔަ އަންގާރަ ދުވަހު އޭސީސީގެ ޓީމަކުން ވަނީ، ބީއޭއެމްގެ އޮފީސް ބަލައި ފާސްކޮށްފައެވެ.
އޭސީސީން މިރޭ ބުނީ، ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.
މޫސައަށް ތުހުމަތުވާ މައްސަލަތަކެއް ބަލަމުންދާ ކަމަށް އޭސީސީން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް އެ ކޮމިޝަނުން ދީފައެއް ނުވެއެވެ.
މޫސަގެ ކޮރަޕްޝަންގެ ކަންތައްތަކާ ގުޅޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް މައުލޫމާތު ހިމަނައި ސިޓީއެއް ފޮނުވައިފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމަށް ތުހުމަތު ވަނީ އަމާޒުވެފައެވެ. އޭގެ އިތުރުން އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.
މޫސަގެ މައްޗަށް ތުހުމަތުތައް ކުރުމާއެކު އޭނާ އެސޯސިއޭޝަނުގެ އިންތިހާބު އިއުލާނުކޮށް، އާ އިންތިހާބެއް އަވަސް އަރުވާލައިގެން ބާއްވަން މަސައްކަތް ކޮށްފައިވާ އިރު، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް މިހާރު ވަނީ މަޑުޖައްސާލަން އަންގައިފައެވެ.
"ވަން ސްޕޯޓްސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އޭސީސީން ބަލަމުންދާ އެއް މައްސަލައަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބީއޭއެމްގެ އިންތިހާބަށް ނުފޫޒުފޯރުވަން މޫސަ މަސައްކަތް ކުރި މައްސަލައެކެވެ. އެގޮތުން އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގަން މަސައްކަތްތަކެއް ކުރި ކަމުގެ ޝަކުވާ އޭސީސީއަށް ހުށަހެޅިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އޭގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމާއި ކޮރަޕްޝަންގެ އިތުރު މައްސަލަތައްވެސް ބެލެމުންދާތީ މިވަގުތު އިންތިހާބު މަޑުޖައްސާލަން އޭސީސީން އެންގި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު