ރަޝިއާގެ ވެރިރަށް މޮސްކޯގެ ކޮންސެޓް ހޯލަކަށް ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފިއެވެ.

ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި ފަސް މީހަކު ވަދެ، ހަމަލާ ދިންއިރު އެ ތަނުގައި އޭރު ކުރިއަށްދިޔަ ރޮކް ކޮންސެޓެއް ބަލަން ގިނަ އަދަދެއްގެ މީހުން އެއްވެފައި އޮތެވެ. އަދި ހަމަލާ ދިން މީހުން ބަޑިން ހަމަލާ ދިނުމަށްފަހު އެ އިމާރާތުގައި އެއްޗެހިތަކެއް ގޮއްވާލައި އިމާރާތުގައި ރޯވެސްކޮށްލިއެވެ.

އެ ހަމަލާގައި މިހާތަނަށް 93 މީހުން މަރުވެފައިވާއިރު، 145 މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހަމަލާއާ ގުޅިގެން އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެ ގުރޫޕުގެ ޓެލެގްރާމް ޗެނަލުގައި ހިއްސާކުރި މެސެޖެއްގައި ވަނީ ގިނަ ބަޔަކު އެއްވެފައި ތިބި ތަނަކަށް ހަމަލާ ދިނުމަށްފަހު ހަމަލާ ދިން އެންމެން ކާމިޔާބުކަމާއެކީ ފިލާފައިވާ ކަމަށް ބުނެފައެވެ.

މޮސްކޯއަށް ވަރުގަދަ ޓެރަރިސްޓް ހަމަލައެއް ދީފައިވާއިރު އެ ހަމަލާގެ އިންޓެލް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ރަޝިއާއާ ހިއްސާ ކުރި ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އަދި އެ ތަހުގީގުގައި ބައިވެރިވުމަށް އިންޓަޕޮލް އިން ވަނީ އެދިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ހަމަލާ ދިން މީހުން މިހާރު ވަނީ ދެނެގަނެވިފައެވެ. އެ މީހުންގެ ހަރަކާތްތައް ބަލައި އެކަމުގައި ޝާމިލުވީ އެންމެން ހައްޔަރުކުރުމަށް ރަޝިޔާގެ ސަލާމަތީ ބާރުތަކުން މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.