ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ތ. ވޭމަންޑޫ ކޯޓުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން އިސްތިއުނާފު ކުރައްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލައެއް ބޮޑުވެފައިވަނިކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ދޫކޮށްލުން ނުވަތަ އެ މީހުންނަށް ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ކޯޓުތަކުން ނިންމާ ނިންމުމެއް ކަމަށެވެ.

ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހާވެސް ދޫކޮށްލީ ކޯޓުން ކަމަށާއި ނަމަވެސް ކޯޓުގެ އެ ނިންމުން މަތީ ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަކި މައްސަލައަކަށް އިޝާރާތް ނުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިއަދު ވަނީ އެފަދަ މީހުން މާފުދިނުމާއި ލުއިދިނުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މާފުދިނުމާއި ލުއިދިނުމާމެދު ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އިރު، ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުންދަނިކޮށެވެ.