ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނަށް މައާފުދިނުމާއި ލުއި ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލި މައްސަލައެއް ބޮޑުވެފައިވަނިކޮށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުތަކުން ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓާ ޖެނަރަލަށް ދަންނަވަމުން އަންނަ ކަމަށެވެ.

"މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ!،" ރައީސް އިލްތިމާސް ކުރައްވާފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މާފުދިނުމާއި ލުއިދިނުމާމެދު ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އިރު، ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުންދަނިކޮށެވެ.