(15 މާޗުގެ އަދަދާ ގުޅޭ)
"އަދި (މުއުމިނުންނަށް) ގެއްލުންދިނުމަށާއި ކާފަރުކަމަށާއި، މުއުމިނުންގެ މެދުގައި ބައިބައިވުން އުފެއްދުމަށާއި، ކުރީން اللّــــه އާއި ރަސޫލާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލައިތިބުމަށާއި، (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ޤަޞްދެއް ނުކުރަމުއޭ ކިޔައި އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން އެއުރެންނީ ދޮގުހަދާ ބައެއްކަމަށް، اللّــــه ހެކިވެވޮޑިގެންވެތެވެ. ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) ޤާއިމުވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ފުރަތަމަ ދުވަހުއްސުރެން ތަޤްވާގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތުގައި (އެބަހީ: ޤުބާ މިސްކިތުގައި) ކަލޭގެފާނު ޤާއިމުވެ ހުންނެވުން މާ ޙައްޤުކަން ބޮޑެވެ. ޠާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައިވެއެވެ. ޠާހިރުވެގަންނަ މީހުންދެކެ اللّــــه ލޯބިވެވޮޑިގެންވެތެވެ. ފަހެ، ހެޔޮކަންބޮޑީ، اللّــــه އަށް ތަޤްވާވެރިވުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: ނިފާޤުކަންމަތީގައި) އެމީހެއްގެ ބިނާގެ ބިންގާ އަޅައި، އެބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާ ހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللّــــه ތެދުމަގެއް ނުދައްކަވާ ހުއްޓެވެ. އެއުރެންގެ ހިތްތައް ބުރިބުރިވެގެން ދިއުމުން މެނުވީ، އެއުރެން ބިނާކުޅަ ބިނާ، އެއުރެންގެ ހިތްތަކުގައިވާ ޝައްކެއްކަމުގައިވުމުން ފިލައިނުދެއެވެ. اللّــــه އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." (الــتـّــوبـــة: 110--107)
ޢިބްރަތް ހޯދާންޖެހޭ މަޤާމެކެވެ. ޙަސަދަވެރިކަމާއި ވާދަވެރިކަމުގެ ކުޑަކުޑަ އޮށަކުންފަޅާ ހިތްނުބައިކަމުގެ ގަހެއް ހެދިބޮޑުވެ އާރު މިލަނީ ކޮންގޮތަކަށްތޯއެވެ؟ ފަސްވަނަކޮލަމުގެ ޚަބީޘުން އިސްލާމީ ތަޙްރީކާ ކަނޑިޔާއިކަނޑިއެޅުމަށްޓަކައި ހިޔާވަހިކަން މިހޯދީ މިސްކިތެއްގެ ހިތްގައިމު ޤުއްބުގެ ދަށެވެ. ޙިމާޔަތެއްކަމުގައި މިހެދީ މިސްކިތެއްގެ ފާރުތަކެވެ. ދީނަށް ގެއްލުންދިނުމަށްޓަކައި އުފެއްދި ފިތުނައެއް މިފޮރުވައިލީ ކޮންކޮންކަހަލަ ފަރުދާއެއްގެ ތެރޭގައިތޯއެވެ؟ ޤައުމާއި ދީނަށް ޚިދުމަތްކުރުމުގެ ރީތި ނަމުގައި ބައެއް މީހުން އުފައްދާ ކިތައް ޖަމާޢަތުންނާއި މަޢުލޫމާތު ފަތުރާ ވަސީލަތްތަކުން ކުރާ ޙަޤީޤީ މަސައްކަތަކީ ދީނާއި ޤައުމަށް ގެއްލުން ދިނުންކަމުގައި ނުވޭތޯއެވެ؟ ޝައްކެއްނެތެވެ. އެކަންކަމުގައިވެސް ހުންނަނީ مـسجــد ضـــــرار ގެ ރޫޙެވެ. އެކަމަކު ފާޅުކުރަނީ "ان اردنــا الاّالحسـنى" ފަދަ ބަސްތަކެވެ.
ޝައްކެއްނެތެވެ. مـسجــد ضـــــرار ބިނާކުރީ މާތް اللّــــه އަށް އަޅުކަންކުރުމުގެ ނަމުގައެވެ. މީހުންނަށް ލުއިފަސޭހަ ކޮށްދިނުން މަޤްޞަދެއްކަމުގައި ފާޅުކޮށްފައެވެ. އެކަމަކު އެކަންކުރި މީހުން އެބައިމީހުންގެ ނިޔަތުގައި އިޚްލާޞްތެރިކަމުގައިވާނަމަ އެ މައްސަލަ ހުށަހެޅީހީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިރިޔާފާތުރާގެ ދަށަށެވެ. އެ މަޝްރޫޢު ޤަބޫލުކުރައްވައި މިސްކިތް ޢިމާރާތްކުރައްވާން ކަނޑައެޅުއްވީހީ އުންމަތުގެ ޤިޔާދަތުންނެވެ. އެކަމުގައި މުޖްތަމަޢުގެ ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލީހެވެ. އެކަމަކު مـسجــد ضـــــرار ބިނާކުރި މީހުން ކަންކުރީ އެގޮތަކަށެއް ނޫނެވެ. އިސްލާމީ މުޖްތަމަޢާއި އެ މުޖްތަމަޢުގެ ޤިޔާދަތުގެ ބައިވެރިވެވަޑައިގެންނެވުމެއްނެތި ސިއްރު ނަޖުވާތަކުން އެކަން ރާވައި ޢަމަލީ ސިފަވެސް ގެނައީއެވެ. ކުރީންވެސް ދެންނެވި ފަދައިން ހެޔޮކަމާ ތަޤްވާގެ މައްޗަށް ބިނާކުރެވުނު ޤުބާ މިސްކިތް ދާދިކައިރީގައި ހުއްޓައެވެ. އެހެންކަމުން ފަސްވަނަކޮލަމުގެ މުނާފިޤުން ތަޤްވާގެ ނިވާފަތްގަނޑުގައި "އެފޮޅި ހަނޑުލުގައި ގިނަ ޢަދަދެއްގެ ކަޅުހަނޑޫ" އެކުލެވޭކަން ކަށަވަރެވެ. އަރަހުށި މާތް اللّــــه ވަނީ ވަޙީގެ ޒަރީޢާއިން އެކަން ފާޅުކުރައްވައިފައެވެ. މުޖްތަމަޢުގެ ކުރިމަތީގައި ރީތިކޮށް ހާމަކޮށްދެއްވައިފައެވެ.
ކުރީންވެސް ދަންނަވަމުން އަންނަ ފަދައިން މަޤްޞަދެއްގައި މަސައްކަތްކުރާ ޖަމާޢަތެއްގެ ތެރެއިން ބައެއްމީހުން ވަކިވަކި ބިސީތައް ހަދައިގެން އަމިއްލަ މަޝްރޫޢުތަކަށް ޢަމަލީސިފަ ގެންނަމުންދާއިރު ތިމާމެންގެ އިޚްލާޞްތެރިކަން ސާބިތުކޮށްދޭން ކިތަންމެ ރީތި ބަސްތަކެއް އަމުނައި އެކުލަވައިލިކަމުގައިވިޔަސް ނަތީޖާއަކީ ޟިރާރާއި، ބައިބައިވެގަތުން ފިޔަވައި އެހެންކަމެއްކަމަކަށެއް ނުވާނެއެވެ.
އެހެންކަމުން މިސްކިތެއްގެ މުޤައްދަސް ނަމުގައި މި ޤާއިމުކުރި މުޑުދާރު އައްޑާވަނީ ނުބުއްވަތުގެ ހިރިޔާފާތުރާގެ ދަށުން ނެރުއްވި ފުރަމާނަ އަމުރުފުޅުގެދަށުން އަންދަވައި އަޅިޔަށް ހައްދަވައިފައެވެ. އެމިސްކިތް ބިނާކުރި ޖާގަ މިއަދާ ހަމަޔަށްވެސް އެއޮތީ ހުސްބިމެއްގެ ގޮތުގައެވެ.
ދައުލަތެއް ރަނގަޅުގޮތުގައި ހިންގޭނީ އެދައުލަތެއްގެ ދެނިޒާމެއްގެ މަސައްކަތް ބަރާބަރަށް ހިންގިގެންނެވެ. އެއްނިޒާމަކީ އެދައުލަތެއްގެ ދިފާޢީ ނިޒާމެވެ. އެ ނިޒާމު ބަދަހިކޮށް އޮތުމާއި އެ ނިޒާމުގައި ފަންވަރު ހުރުމެވެ. ދެވަނަކަމަކީ އެދައުލަތެއްގެ ޢަދާލަތުގެ ނިޒާމު ރަނގަޅަށް މަސައްކަތްކުރުމެވެ. ޤާނޫނުތައް ތަންފީޒުކުރެވެމުން ދިޔުމެވެ. މިދެކަންތައްތަކުގެ ތެރެއިން އެންމެފުރަތަމަ ކަންތައްތަކުގެ ވަޒީފާއަކީ ބޭރުގެ ޙަމަލަތަކުން ދައުލަތް ދިފާޢުކުރާން ބޭނުންވާ ކަންކަމެވެ. ދެވަނަ ކަންތައްތަކަކީ އެތެރޭގެ ފިތުނަތަކާއި ފިތުނަވެރީންގެ ނުބައި ރޭވުންތަކުން ދައުލަތް ދިފާޢުކުރާން ބޭނުންވާ ވަސީލަތްތަކެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާގައި ބިނާކުރެއްވި އިސްލާމީ ދައުލަތުގެ މިދެ ދާއިރާ ބަރާބަރަށް މަސައްކަތްކުރިޔަ ނުދޭންވެސް ޔަހޫދީންނާއި ފަސްވަނަކޮލަމުގެ މުނާފިޤުން ގެންދިޔައީ އަޅައިނުފައި ވަރުގަދަޔަކަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު މިތާނގައި އަޅުގަނޑު އަލިއަޅުވައިލާން ބޭނުންވަނީ ޔަހޫދީންނާއި ފަސްވަނަކޮލަމުގެ މުނާފިޤުން އިސްލާމީ ދައުލަތުގެ ޢަދުލުއިންޞާފުގެ ނިޒާމުގެ ބާރު ކަނޑުވައިލައި، ދޭސީކޮށް ބޮއްސުންލައްވާން ކުރިމަސައްކަތްތަކުގެ މައްޗަށެވެ. އެދައުލަތުގެ ސިވިލްއިންތިޒާމުތައް ކަފާސްކުރާން ލަމުންގެންދިޔަ ވާގީގެ މައްޗަށެވެ.
ޝައްކެއްނެތެވެ. އަލަށް ޤާއިމުކުރެވޭ ދައުލަތެއްގެ ސިވިލްއިންތިޒާމުތައް ވަރުގަދަކޮށް ތަންފީޒުކުރެވެމުން ނުދާނަމަ އެދައުލަތަކަށް ދާޚިލީ އުނދަގޫތަކާއި މައްސަލަތަކުގެ މައްޗަކަށް ބާރެއް ނުފޯރުވޭނެއެވެ. ބޭރުގެ ބާރުތަކަކާ ކުރިމަތިލައި ދައުލަތް ދިފާޢެއް ނުކުރެވޭނެއެވެ. އެދައުލަތެއްގެ އެންމެ ޅަފަތުގައި ދައުލަތުގެ ހިންގުމުގެ ދާއިރާގެ ކަންކަން ބޮއްސުންލައި ނުރައްކައުތެރިކަމުގައި ހައްޔަރުވެދާނެއެވެ. އެހެންކަމުން ތާރީޚުގެ ހުރިހައި ދައުރުތަކެއްގައިވެސް ފާތިޙުންނަށާއި އިންޤިލާބީންނަށް ތަނެއްގައި ދައުލަތެއް ޤާއިމުކުރެވިއްޖެ ކަމުގައިވާނަމަ ދައުލަތުގެ އެތެރޭގެ ނިޒާމުތައް ޤާއިމުކޮށް ދަމަހައްޓައި ތަންފީޒުކުރަމުން ގެންދިޔައީ ނުހަނު ބާރުހުރި އަތްތަކަކުންނެވެ. އެކަތައިގެ މުލައްދަނޑިތަކަކުންނެވެ. ނަމަވެސް އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާގައި އުފެއްދެވި ސަރުކާރު ބިނާކުރައްވައިފައިވަނީ އަޚްލާޤީ ނަޒަރިއްޔާގެ މަތީގައެވެ. އެދައުލަތުގެ ތަޞައްވުރު ޤާއިމުކުރައްވައިފައިވަނީ ޢަދުލުވެރިކަމުގެ މައްޗަށެވެ. އެހެންކަމުން ވަރަށް މުހިންމު ސަބަބަކާނުލައި އަދި މުނާސަބުނޫން ގޮތްގޮތަށް ބާރުގެ ބޭނުންކުރެއްވުމެއް އެދައުލަތުގައި އެއްގޮތަކަށްވެސް ނެތެވެ. އެކަންވެފައިވަނީ ފަސްވަނަކޮލަމުގެ މުނާފިޤުންނާއި ޔަހޫދީންނަށް ޖެހިލުންކުޑަކޮށްލައިފައި އެދައުލަތާ ކުޅޭން މަސައްކަތްކުރާން ކެރުމުގެ ސަބަބެއްކަމުގައެވެ.
މަދީނާގެ އިސްލާމީ ދައުލަތުގެ ދުސްތޫރީ މުޢާހަދާގެ ދަށުން މުސްލިމުން (މުހާޖިރުންނާއި އަންޞާރުން) ނާއި ޔަހޫދީ ޤަބީލާތައްވަނީ ސިޔާސީ އެއްހައިއަތެއްގެ ދަށަށް ޖަމާކުރެވި އެއްކޮށްލެވިފައެވެ. އެ ދުސްތޫރީ މުޢާހަދާގައި އެންމެން ތަސްލީމުކޮށްފައިވަނީ ސިޔާސީގޮތުންނާއި ޢަދާލަތީގޮތުން އެންމެމަތީ އިޚްތިޔާރު (އެންމެ ފަހުބަސް ވިދާޅުވުމުގެ އިޚްތިޔާރު) محـمّــد صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަތްޕުޅުގައި އޮތުމަށެވެ. އެ މުޢާހަދާ މިހާރުވެސް ތާރީޚުގެ ޞަފުޙާތަކުގައި ފެންނާން އެބައޮތެވެ. ތިރީގައި މިވަނީ އެ މުޢާހަދާގެ ސައުވީސްވަނަ މާއްދާއާއި ސާޅީސްހަވަނަ މާއްދާއެވެ.
24 ވަނަ މާއްދާ: މި ޢަހްދުނާމާ ޤަބޫލުކޮށްފައިވާ މީހުންގެ މެދުގައި ކަމެއްގައި ޚިލާފެއް އުފެދިއްޖެ ކޮންމެ ޙާލަތެއްގައި އެކަން ރުޖޫޢަކުރެވޭހުށީ މާތް اللّــــه އާއި (އެކަލާނގެ ރަސޫލާ) محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ އަރިހަށެވެ.
46 ވަނަ މާއްދާ: މި މުޢާހަދާގެ ބައިވެރީންގެ ތެރޭގައި އައުމައްސަލައެއް އުފެދިއްޖެކަމުގައިވާނަމަ ނުވަތަ އެކަމަކުން ފަސާދައެއް އުފެދުމުގެ އެކަށޭނަކަން އޮތް އެއްވެސް މުޢާމަލާއެއް ނުވަތަ ދެބަސްވުމެއް އުފެދިއްޖެކަމުގައިވާނަމަ އެކަމެއް ހުށަހެޅޭނީ މާތް اللّــــه ގެ ޙަޟުރަތަށާއި محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ އަރިހަށެވެ. މި ޞަޙީފާ ނުވަތަ ޢަހްދުނާމާގައި ލިޔެފައިވާ އެންމެހައި ކަންތައްތަކަކީ މާތް اللّــــه ރުހިވޮޑިގެންވާ ކަންތައްތަކެވެ. އެކަންކަމަށް ކިޔަމަންތެރިވެ ޢަމަލުކުރާނީ ވީހައިވެސް ތެދުވެރިކަމާއި ވަފާތެރިކަމާ އެކުގައެވެ.
(މަދީނާގެ ތާރީޚީ މީޘާޤު ނުވަތަ މުޢާހަދާ އެކަށް ބައްލަވައިލައްވާން ބޭނުންފުޅު ބޭފުޅުން އަޅުގަނޑު ލިޔެފައިވާ ފޮތެއްކަމުގައިވާ "މަދީނާގެ އިސްލާމީ ދައުލަތް" މިފޮތް ބެއްލެވުން އެދެމެވެ.)
އާދެ މި ދުސްތޫރީ މުޢާހަދާއާ ވިދިގެން މުޢާހަދާގެ ބައިވެރީންކަމުގައިވާ ޔަހޫދީ ޤަބީލާތަކަށްވެސް ޝަރުޢީގޮތުންނާއި އަޚްލާޤީގޮތުންނާއި ސިޔާސީގޮތުންނާއި ޤާނޫނީ ހައިސިއްޔަތުން ވާޖިބުވެފައިވަނީ އިސްލާމީ ދައުލަތުގެ ޝަރުޢީ ނިޒާމާއި ޤާނޫނީ ނިޒާމު ކާމިޔާބުކުރާން ފުރިހަމަޔަށް އެއްބާރުލުމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޤިޔާދަތުގައި ހިނގަމުންދިޔަ އެ މަސައްކަތަށް ވަފާތެރިކަމާއެކު ކިޔަމަންވެ އެހީތެރިވުމެވެ. އަނެއްކޮޅުން ބަލާއިރު ހަމަޤަބޫލުކުރުމެއް ނިޒާމުތަކަށް ބޯލެނބުމެއްނެތް ޤަބީލާތަކެއްގެ ބަޔަކު ޤާނޫނަށް ތަބާވެ ޢަމަލުކުރުން ލާޒިމު ރައްޔިތުންތަކެއްކަމުގައި ހައްދަވައިލެއްވިކަމީ އިންސާނިއްޔަތުގެ މުޙްސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم އިންސާނިއްޔަތަށް ކުރެއްވި ތާއަބަދު ޤަދަރުކުރާންޖެހޭ މަތިވެރި ޚިދުމަތެކެވެ. އެކަމުގެ ސަބަބުން ޖަރީމާތަކާއި ފާސިޤުކަން ނައްތައިލެވި އިންސާފުގެ ފިޠުރީ އަދި ދާއިމީ އުސޫލުތައް ތަންފީޒުވުމަކީ އޭގެ ނަތީޖާއެއްގެގޮތުން ޤާއިމުވާ އަމަންއަމާންކަމުން އެހެންމީހުންނަށްވެސް ފައިދާކުރާ ފަދައިން ޔަހޫދީންނަށްވެސް ނުހަނު މަންފާކުރާނެ ކަމެކެވެ. އިލާހީ ޤާނޫނު ޤާއިމުކުރުމަކީ ޙަޤީޤަތުގައި ޔަހޫދީންގެވެސް އަމިއްލަ މިޝަނެކެވެ. އެބައިމީހުން ރުހިޤަބޫލުވެގެން އަމިއްލަ އިޚްތިޔާރުގައި ޚިޔާރުކޮށްފައިވާ މީޘާޤުވެސް ލާޒިމުކުރާ ކަމެކެވެ.
ނަމަވެސް ޔަހޫދީން ޖެހިލުންވީ އިސްލާމީ ދައުލަތުގެ ވަކިފަރާތަކަށް ބުރަވުމެއް ނުވަތަ ރިޢާޔަތްކުރުމެއްނެތް ޤާނޫނުން އެބައިމީހުން އަމިއްލަ މަޞްލަޙަތަކަށް ބުރުލެއް އަރައިފާނެތީއެވެ. އެބައިމީހުންގެ ކޮންމެވެސް ނަންހުރި ޝަޚްޞިއްޔަތެއްގެ މައްޗަށް އެ ޤާނޫނު ހިންގާންޖެހޭ ޙާލަތެއް އަތުވެދާނެތީއެވެ. އެފަދަ ޙާލަތްތަކުގައި އެބައިމީހުންގެ އާދަޔަކީ ތިމާމެން ވެފައިވާ އަޙްދުގެ ޒިންމާއާއި ސިޔާސީ އަދި އަޚްލާޤީ އަދި ޝަރްޢީ ވާޖިބުތަކާއި މުޖްތަމަޢާއި އިންސާނިއްޔަތުގެ ހުރިހައި މަޞްލަޙަތަކާއި ލާބައެއް މުޅީން ހަނދާން ނައްތައިލުމަށްފަހު ފަސްފަހަތަށް ހިނގައިގަތުމެވެ.
އެދުވަސްވަރު ޔަހޫދީންގެ މީހަކާ އިނދެގެންހުރި ފިރިހެނަކު މީހެއްގެ އަނތްބަކާ ޒިނޭކުރި މައްސަލައެއް ޔަހޫދީންގެ ބޮޑުންގެ ކުރިމައްޗަށް ހުށަހެޅުނެވެ. ޔަހޫދީންގެ ބޮޑުން އެބައިމީހުންގެ ބައިތު މިދުރާސަށް އެއްވެ އެބައިމީހުންގެ މެދުގައި ސައްލާކޮށް މަޝްވަރާކުރުމަށްފަހު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް މީހަކު ފޮނުވިއެވެ. އެމައްސަލައިގައި ދޭނެ އަދަބެއް އޮޅުންފިލުވުމަށްޓަކައެވެ. ކައުސާހިބާގެ އަރިހަށް ޔަހޫދީން ޤާޞިދަކު ފޮނުވިއިރު އެ ޤާޞިދު ފޮނުވުމުގެކުރީން އެކަށައަޅައި އެއްބަސްވީ ޒިނޭކުރާ މުޙުޞިނުންނަށް ދޭން އެބައިމީހުން އާދަޔަކަށް ހަދައިފައިވާ ތަޙްމިއްޔާގެ އަދަބުދޭން އަންގަވައިފިކަމުގައިވާނަމަ محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަކީ ދުނިޔަވީ ރަސްކަލެއްކަމުގައި ބަލައި އެކަލޭގެފާނާ ތަބާވުމަށެވެ. އިލާހީ ފޮތުގައިވާ ފަދައިން ރަޖަމުކުރުމުގެ ޝަރްޢީ އަދަބުދޭން އަންގަވައިފިކަމުގައިވާނަމަ އެކަލޭގެފާނުގެ ޞައްޙަ ޢިލްމުފުޅާއި ކެރިވަޑައިގެންނެވުމުގެ ސަބަބުން އެ ސާބިތުކޮށްދެއްވީ އެކަލޭގެފާނަކީ ނަބީބޭކަލަކު ކަމަށާއި އެކަލޭގެފާނާ ދުރުހެލިވާންވީ ކަމަށެވެ. އެހެނީ އެބައިމީހުންގެ ކިބައިގައި ކެނޑިގެން ނުގޮސްހުރި އިސްވާރުކަމުގެ (ލީޑަރޝިޕްގެ) ކަންފުޅުވެސް ދެމެހެއްޓޭނީ އޭރުންކަމުގައި ދެކޭތީއެވެ.
ޔަހޫދީންގެ ޤާޞިދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިރިޔާފާތުރާގެ ދަށަށްގޮސް ދެންނެވިއެވެ. ޔަހޫދީންގެ ބޮޑުން އެބަދަންނަވައެވެ. "އަޅުގަނޑުމެން ކަލޭގެފާނަކީ ޙަކަމެއް ކަމުގައި ޤަބޫލުކުރަމުއެވެ. މި މައްސަލައިގެ ޙުކުމް ވިދާޅުވެދެއްވާށެވެ." މިހުށަހެޅުމަކީ އެބައިމީހުން ސޮއިކޮށްފައިވާ ދުސްތޫރީ މުޢާހަދާއާ ފުށުއަރާ ކަމެކެވެ. އެހެނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ މުޢާހަދާގައި ކަނޑައެޅިފައިވާ ފަދައިން މަދީނާގެ ޙާކިމެވެ. އަދި ޖުޑީޝަރީގެ ވެރިޔާއެވެ. އެކަމަކީ ޔަހޫދީން އަލުން ޤަބޫލުކުރާ ކުރުމެއްގެގޮތުގައި ހުށަހަޅާންޖެހޭކަމެއް ނޫނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި ޔަހޫދީންގެ ޤާޞިދު އެހެން ދަންނަވާއިރަށް ތެދުވެވަޑައިގެން ސީދާ ވަޑައިގެންނެވީ ޔަހޫދީންގެ ބައިތު މިދުރާސަށެވެ. އެގޮތަށް ޢަމަލުކުރެއްވީ މަދީނާގެ މީޘާޤުން ލިބިވަޑައިގެންފައިވާ ބާރުފުޅުގެ ސަބަބުންކަމުގައި ވެދާނެއެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން