ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި، ފުލުހުންގެ އޮޕަރޭޝަނަލް އެއްވެސް މައްސަލައެއް މިހާތަނަށް އަދި ފާހަގަވެފައިނުވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ގދ. ހޯޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 25 އޮކްޓޫބަރު 2022 ގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވީ އޭނާގެ މެއަށް ތަދުވެ، ސީޒާއެއް ޖެހޭ ފަދަ އަލާމާތްތަކެއް ފެނުމަށްފަހުއެވެ. އަދި އޭނާ ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އަބްދުﷲ ރަޝީދުގެ މައްސަލައާ ބެހޭގޮތުން މިނިސްޓަރު އިހުސާނާ ސުވާލު ކުރެއްވީ، މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން އޭނާ ވިދާޅުވީ، އަބްދުﷲ ރަޝީދު މަރުވި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނިންމައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށާއި، އެ ވާހަކަތައް އޮންލައިން ނޫސްތަކުގައިވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ހައެއްކަމަސް ފާއިތުވެފައިވާއިރުވެސް އެ މައްސަލައިގައި ދައުވާ ކޮށްފައި ނުވާތީ، ކީއްވެތޯ އާއި އެ ފުލުހުންގެ މައްޗަށް ނެރުނު އިންޓަގްރިޓީ ރިޕޯޓާ އެއްގޮތަށް ސަރުކާރުން އަމަލު ނުކުރަނީ ކީއްވެގެންތޯ ފިރުޝާން ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައި އޮތްކަން މިނިސްޓަރަށް އެނގިވަޑައިގެންނެވީވެސް މީޑީއާތަކުން ކަމަށެވެ. އަދި އެ މައްސަލައިގެ ރިޕޯޓު ހިއްސާކުރުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި މިހާރު ވާނީ އެދިފައި ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ ނުކުރައްވަނީ ކީއްވެގެންތޯ އެއީ އަޅުގަނޑުގެ އިދާރާއަށް ޖަވާބުދެވޭނެ ސުވާލެއް ކަމަށް ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް މައްސަލަތަކެއް ހުރިތޯ ފުލުހުންގެ ތެރެއިން ބަލާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަކަށް ފާހަގަވެފައެއް ނެތް ފުލުހުންގެ އޮޕަރޭޝަންގައި އެ ވަގުތު އަމަލު ކޮށްފަ އިން ގޮތުގެ މައްސަލަތަކެއް، ނަމަވެސް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ފާހަގަ ކުރަންޏާ އެކަން އިސްލާހު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަގުތުން އަޅާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު