ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އެކްސްޗޭންޖު ރޭޓު ހަމަޔަކަށް އެޅެން ފަށައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ރާއްޖޭގެ އިގުތިސޯދީ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. ނަމަވެސް ރައީސް އެޅުއްވި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން އިގުތިސޯދު ރަނގަޅުވާން ފަށައިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"އުމްރާގެ އަޅުކަމާއި ރޯދަ މަހާ ދިވާމުގެ އިތުރުން އިމްޕޯޓް ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ޑޮލަރުގެ ޑިމާންޑް ބޮޑުވި ނަމަވެސް ޑޮލަރުގެ ރޭޓު ބޮޑުނުވެ ހަމަޔަކަށް އެޅެން ފަށައިފި،" ސައީދު ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭން، ދުބާއީގައި ބޭއްވި އިންވެސްޓް ފޯރަމުގެ ތެރެއިން "ވަން" އަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވެފައިވަނީ ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހައްލުކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، ޑޮލަރުގެ މައްސަލައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭން ނަގާ ބޭރުގެ ލޯނުތައް ދެއްކުމަށް އުފައްދާފައި އޮންނަ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު ކުރީ ސަރުކާރުން ނަގައި ހުސްކޮށްފައި އޮތުމެވެ.
އަދި ދަރަނި ނަގަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ އިގުތިސާދީ ބޮޑެތި މަޝްރޫއުތަކަށް ނަމަވެސް އެ މަޝްރޫއުތައްވެސް ނިމިފައި ނެތްކަން ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު