ނިއުކްލިއާ ހަކަތައިގެ ޔުނިޓެއް ޖައްވުގައި ގާއިމްކުރުމަށް ރަޝިޔާއިން ނިންމައިފިއެވެ.
ރަޝިޔާއިން ޖައްވުގައި ކުރުމަށް ރާވާފައިވާ ގިނަ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ބޮޑު އަހައްމިޔަތުކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ޖައްވުގައި ނިއުކްލިއާ ހަކަތައިގެ ޔުނިޓެއް ގާއިމް ކުރުން ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވިދާޅުވެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާ ޓަސް އިން ވަނީ އެގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާ އެކު ރައީސް ޕޫޓިން ބޭއްވި މަޝްވަރާތަކުގައި ޖައްވީ ބާރުވެރިކަން އިތުރުކުރުމަށް ރަޝިޔާއިން ރާވާފައިވާ ޕްރޮގްރާމްތަކަށް ފައިނޭންސް ހޯދައި އެންމެ ރަނގަޅު ވަގުތު ޖެހުމުން އެމަސައްކަތް ފެށުމަށް ނިންމަވާފައިވާކަން ހާމަކޮށްފައެވެ.
ރަޝިޔާގެ ޖައްވީ އިދާރާގެ އެންމެ އިސްވެރިޔާ ޔޫރީ ބޮރިސޮވް މިދިޔަ ހަފުތާގައިވަނީ އެގައުމުން ހަނދުގައި ނިއުކްލިއާ ޔުނިޓް ގާއިމް ކުރުމަށް ޗައިނާއާ ގުޅިގެން މަޝްވަރާތައް ފަށާފައިވާކަން ހާމަކުރައްވައިފައެވެ.
ރަޝިޔާ އާއި ޗައިނާ ގުޅިގެން ޖައްވުގައި އަތްގަދަކުރާ ކަމަށް ބުނެ އެމެރިކާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެމެރިކާގެ ސަރުކާރުން ވަނީ ސެޓަލައިޓް މެދުވެރިކޮށް ނުރައްކާތެރި ހަތިޔާރު ގާއިމް ކުރުމުގެ މަސައްކަތް ރަޝިޔާއިން ކުރާ ކަމަށްވެސް ތުހުމަތުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ