އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ "ރޯދަ ކުއިޒް"ގެ ބޮޑު އިނާމަކަށް ދެ މީހަކަށް އުމްރާ ދަތުރެއް ދޭން ނިންމައިފިއެވެ.

އުރީދޫން ބުނީ ދީނީ މައުލޫމާތު ކަސްޓަމަރުންގެ ތެރޭގައި އިތުރުކުރުމުގެ މަގުސަދުގައި މި ރޯދަ މަހު އުރީދޫގެ މީސް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ "އުރީދޫ ރޯދަ" ކުއިޒަކީ ޕީސް ފައުންޑޭޝަން އަދި ގިބްލަ ގުރޫޕާއެކު ކުރިއަށްގެންދެވޭ ކުއިޒެއް ކަމަށެވެ.

އުރީދޫގެ މީސް މީޑިއާގައި އާންމުކުރެވޭ ސުވާލުތަކަށް ދެވިފައިވާ ސުންގަޑީގެ ކުރިން ޖަވާބު ކޮމެންޓު ކޮށްގެން މި ކުއިޒްގައި ބައިވެރިވެވޭނެއެވެ.

އުރީދޫން ބުނީ އުމްރާ ދަތުރުތައް ލިބޭނީ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރާ ފަރާތަކަށް ކަމަށާއި އެއްފަރާތަށް ވުރެ ގިނަ ފަރާތުން ރަނގަޅު ޖަވާބުތައް ދިމާކޮށްފިނަމަ, އިނާމު ދޭނީ ގުރުއަތުން ހޮވޭ ފަރާތަށް ކަމަށެވެ.

ގިބްލަ ހައްޖު އަދި އުމްރާ ގްރޫޕްގެ ޑިރެކްޓަރު އިބްރާހިމް އަޝްވާގު ވިދާޅުވީ، އުންމީދަކީ ގިބްލައިން ހުށަހަޅާ އުމްރާ ދަތުރުގެ ސަބަބުން އުރީދޫން ރޯދަ މަހު ހިންގަމުން އަންނަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވުން ކަމަށެވެ.

"އުރީދޫން ކުރިއަށްގެންދާ ރޯދަ ކުއިޒުގެ ސަބަބުން ގިނަ ބަޔަކަށް ދީނީ މައުލޫމާތު ލިބިގެންދާނެކަން ޔަގީންކުރަން،" އަޝްވާގު ވިދާޅުވިއެވެ.

އުރީދޫގެ އަތޮޅު ދުވުން ގޭމުގެ އަންނަ މަހުގެ ގިފްޓް ޕާޓްނަރަކީވެސް ގިބްލައެވެ. އެގޮތުން، މި މަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް (31 މާރިޗު 2024, 11:59 ނިޔަލަށް) ދެ މީހެއްގެ އުމްރާ ދަތުރު ގިބްލައިން ވަނީ ހުށަހަޅައިފައެވެ.