ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޮނީޓަރުންނާއި އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބު ކަމަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން މިއަދު އެކްގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމާއިން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އިތުރު ކޮށްފައިވާ ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ބާއްވާ ތާރީހު އަންނަ މަހުގެ 21 އަށް ބަދަލު ކުރުމާ ގުޅިގެން ކަމަށް އީސީން ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީސީގެ [އީމެއިލަށް]([email protected]) ފޯމް ހުށަހެޅޭނެއެވެ. އަދި ދަރުބާރުގޭގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 1:30 އަށް ވަނީ ހަމަޖެހިފައެވެ. އެޕްލިކޭޝަން ފޯމު އީސީގެ ވެބްސައިޓުން ލިބޭނެއެވެ.

ކުރީން އިންތިހާބު ބާއްވަން އޮތީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރީހު ބަދަލުކުރީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާ ކުރުމުންނެވެ. އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމުން އަލަށް 560 މީހުންނަށް ވޯޓް ލެވެއެވެ.