ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު ގާނޫނުތައް ބައްޓަންކޮށްފައި ހުރި ގޮތުން ހަތިޔާރު ބޭނުން ނުކުރެވޭ ކަމަށްބުނެ ފުލުހުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އެކްޓިން ހެޑް، އަހުމަދު ނާފިޒް ވިދާޅުވީ، ބައެއް ގާނޫނުތައް ބައްޓަންކޮށްފައިވާ ގޮތުން ކުށް ކުރާ ކުޑަކުދިންނާ މެދު ބައެއް ހާލަތްތަކުގައި ފުލުހުންނަށް ބާރުގެ ބޭނުން ބޭނުންވާ ވަރަށް ނުކުރެވޭ ކަމަށެވެ.

"ފުލުހުން އެންމެ އަސާސީ ގޮތެއްގައި ބޭނުންކުރާ ބައެއް ކަހަލަ އާލާތްތައް މިސާލަކަށް, ބިޑި, ޕެޕާ ސްޕްރޭ, ބެޓަން, މިކަހަލަ އެއްޗެހި, މި އެއްޗެހި ބޭނުން ކުރުމުގައި ފުލުހުންނަށް އެބަހުރޭ ހުރަސްތައް, ގާނޫނުތައް ފަރުމާ ކުރެވިފައި ހުރި ގޮތުން," އޭނާ ވިދާޅުވިއެވެ.

ނާފިޒް ވަނީ ގާނޫނީ ގޮތުން ކުޑަކުދިންގެ ގޮތުގައި ބަލާ އުމުރަކީ 18 އަހަރު ކަމުގައި ވިޔަސް އެ އަށްވުރެ އުމުރުން ހަގު ކުދިންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރެވެން ޖެހޭނެ ކަމަށް ނުސީދާ ގޮތެއްގައި ވިދާޅުވެފައެވެ.

"އެކަހަލަ ސީންތަކަށް އެޓެންޑުވާއިރު ބޭނުންކުރާ ބައެއް ކަހަލަ މި ދެންނެވި އާލާތްތައް ބޭނުންކުރަން އެބަ ހުރޭ ދަތިތައް ގާނޫނުތައް ހުރި ގޮތުން, އެ ގާނޫނުތައް އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ނާފިޒް ވިދާޅުވިއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ ގޮތުން ކުއްޖަކާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރެވޭނީ ހަމައެކަނި ހާއްސަ ހާލަތްތަކުގައެވެ. ހަތިޔާރު ބޭނުން ކުރެވޭނީ އެ ކުއްޖާ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ބޭނުންކުރެވެން ހުރި އެހެން ވަސީލަތްތައް ބޭނުންކުރުމަށް ފަހު، އެކަން ކާމިޔާބު ނުވާ ހާލަތެއްގައި ކަމަށް ގާނޫނުގައި ބުނެެއެވެ.