ރަޝިޔާގެ ރައްޔިތުން އެގައުމުގެ ރިޔާސީ އިންތިޚާބުގައި މިމަހު ފަނަރަޔާއި ސަތާރައިގައި ވޯޓުލާނެއެވެ. ރަޝިޔާގައި ރިޔާސީ އިންތިޚާބު މިބާއްވަނީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައެވެ. އެހެން ފަހަރު ފަހަރުގެ އިންތިޚާބުތަކާ ދިމާކޮށް ފެންނަ ފޯރިގަދަ ކެމްޕޭނުތަކެއް މިފަހަރު ނެތެވެ. މިފަހަރު ފެތުރިފައި އޮތީ ހިމޭންކަމެވެ. ރިޔާސީ އައު ދައުރެއް ކާމިޔާބު ކުރެއްވުމަށް ރައީސް ލަޑީމިއަރ ޕުޓިންއަށް ކެމްޕޭނެއްގެ މާބޮޑު ބޭނުމެއް ނެތީކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުގައި މި އިންތިޚާބުން ކުރި ހޯއްދަވާނީ އޭނާއެވެ. އެހެންވެއްޖެނަމަ މިއީ ޕުޓިންގެ ވެރިކަމުގެ ފަސްވަނަ ދައުރެވެ. ޕުޓިންގެ ކާމިޔާބީއަށް ހުރަސްއެޅުމަށް އެމެރިކާ އާއި ހުޅަނގު ޔޫރަޕަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ރަޝިޔާގެ ރައްޔިތުން އޭނާއަށް ވޯޓުދޭނެއެވެ. ބަލައިގަންނާނެއެވެ. އެހެންވީމާ އެމީހުންނަށް ދެން ކުރެވެންއޮތް ކަންތައް މި އިންތިޚާބާ ދިމާކޮށް އާބާރަކާއެކު އެއުޅެނީ ފަށައިގެންނެވެ. އެއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމެވެ.

ރަޝިޔާގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ރައީސް ޕުޓިންއަށް އޮތް ތާއީދަށް ލޮޅުން އަރުވައިލެވެން އޮތީ ޔުކްރޭނުގެ ހަނގުރާމަ ރަޝިޔާގެ ސަރަހައްދުގެ ތެރެއަށްވެސް ގެންގޮސްގެންނެވެ. ރަޝިޔާގެ ރައްޔިތުންނަށް މި ހަނގުރާމަ އިހުސާސްކުރެވޭ ވަރުކޮށްގެންނެވެ. އެހެން ގޮތަކަށް ދަންނަވަންޏާ އެއީ ރަޝިޔާގެ އެންމެ އެތެރޭގައިވާ ތަންތަނަށް ވައިގެ ހަމަލަ ދިނުމެވެ. ހުސްވި ހަފުތާއިން ފެށިގެން މިކަންތައް ވަނީ ފަށައިފައެވެ. ރަޝިޔާގެ އެތެރޭގައިވާ ތަންތަނުގެ ތެރެއިން ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި އަސްކަރީ ބައެއް މަރުކަޒުތަކަށް ޔުކްރޭނުން ވަނީ ޑްރޯން ހަމަލަދިނުން ގިނަކޮށްފައެވެ. ޑްރޯން ހަމަލަދިން ތަންތަނުގެ ތެރޭގައި ވެރިރަށް މޮސްކޯއާ ވަރަށް ގާތުގައިވާ ރިޔާޒަން ހިމެނެއެވެ. މިއީ ޔުކްރޭނު ސިފައިން ކުރާކަމަކަށް ވިޔަސް މިކަންކަން ރާވައިދޭން ތިބީ ހުޅަނގުގެ އޮފިސަރުންނެވެ. ހަތިޔާރާއި އެނޫންވެސް ވަސީލަތްތައް ފޯރުކޮށްދެނީ އެމީހުންނެވެ. ނަމުން ޔުކްރޭނެވެ. ކަމުން ނޭޓޯއެވެ. މިއީ ޔުކްރޭނުގެ ހަނގުރާމަ މިހާރު ކުރިއަށްދާ ގޮތެވެ.

ޔުކްރޭނުގެ ތެރެއިން ހަނގުރާމަވެރި ބާޣީންގެ ބައެއް އޮޅިއޮޅި ރަޝިޔާގެ ތެރެއަށް ފޮނުވައި ރަޝިޔާގެ ބައެއް އަވަށްއަވަށަށް ބިރުދެއްކުމަކީވެސް މިދުވަސްވަރު ވަރަށް ފޯރީޔާއެކު ކުރެވޭތޯ ގަދައަޅާ މަސައްކަތެކެވެ. މިކަހަލަ އޮޅިއޮޅީގައި ތިބެނީ ރޫސީންނެވެ. ރައީސް ޕުޓިންއާ ދެކޮޅު ފިކުރުގެ މީހުންނެވެ. މިކަމުން ދައްކަން ބޭނުންވާ ބޮޑު މަންޒަރަކީ ރޫސީންގެ ތެރޭގައިވެސް ޕުޓިންއާ ދެކޮޅު މީހުން ގިނަކަމާއި ޕުޓިންގެ ވެރިކަމަކީ އެންމެހައި ރޫސީން ތާއީދުކުރާ ވެރިކަމެއް ނޫންކަމެވެ. މިޒާތުގެ ކަންކަމުގެ މުގުލުގައި އޮންނަނީ ނޭޓޯއެވެ. ނޭޓޯގެ ގައުމުތަކުގެ ތެރެއިންވެސް އެމެރިކާ އާއި އިނގިރޭސިވިލާތެވެ. ހުސްވި ހަފުތާގެ ތެރޭގައިވެސް މިކަހަލަ އޮޅިއެއްގެ ބަޔަކު ރޫސީވިލާތުގެ ސަރަހައްދުގެ ތެރެއަށް ވަނީ ވަދެފައެވެ. ޔުކްރޭނާއި ރަޝިޔާގެ ސަރަހައްދީ ރޮނގު އެތައް ހާސް ކިލޯމީޓަރަކަށް ދެމިގެންގޮސްފައިވާއިރު މުޅި ބޯޑަރަކީ ސިފައިންގެ ލަޝްކަރުތަކުން ބައްދާލެވިފައިވާ ބޯޑަރެއް ނޫނެވެ. އެހެންވީމާ ބައެއް ދިމަދިމާލުން މިކަހަލަ ހަރަކާތްތައް ހިންގުމުގެ ފުރުސަތު އޮވެއެވެ.

ރަޝިޔާގެ އިންތިޚާބާ ދިމާކޮށް ނޭޓޯގެ ނުސީދާ ބައިވެރިވުމާއެކު ޔުކްރޭނުން މިހިންގާ ހަރަކާތްތަކާމެދު ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވަނީ ކީކޭބާވައެވެ. ރަޝިޔާގެ ޓީވީ ޗެނަލަކަށް ހުސްވި ހަފުތާގައި ދެއްވި އިންޓަރވިޔުއެއްގައި ޕުޓިން ވިދާޅުވިއެވެ. މި ފެންނަނީ ގޮތްހުސްވެފައިވާކަމުގެ އަލާމާތްތަކެވެ. ބޭނުންވެގެން އެ އުޅެނީ ރަޝިޔާގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދޭތޯއެވެ. އެކަހަލަ ބިރުވެރިކަމެއް އުފައްދައިގެން ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވޭތޯއެވެ. ހަމަހިލާ އެކަން ކާމިޔާބެއް ނުވާނެއެވެ. ރަޝިޔާ އޮތީ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެގެންނެވެ. ނޭޓޯއާއެކު ބޮޑު ކުރިމަތިލުމަކަށް ދިޔުމަކީ ރަޝިޔާގެ ވިސްނުމެއް ނޫނެވެ. އެކަމަކު އެފަދަ ކުރިމަތިލުމަކަށްދާން ޖެހިއްޖެނަމަ އެކަމަށްވެސް ރަޝިޔާ އޮތީ ތައްޔާރުވެގެންނެވެ. ދުނިޔޭގައިވާ އެންމެ ބާރުގަދަ ނުރައްކާތެރި ނިއުކުލިއަރ ހަތިޔާރުހުރީ ރަޝިޔާގައި ކަމާއި އެތަކެތި އުފައްދައިގެން ތިބީ ޒީނަތްތެރި ކުރުމަށް ނޫންކަން ނޭޓޯ ދަންނަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ ތެރޭގައިވާ ބައެއް ތަންތަނަށް ޔުކްރޭނުން ހަމަލަދިނަސް ހަނގުރާމައިގެ މައިދާނުން މިހާރު ފެންނަ މަންޒަރުތަން ކަށަވަރުވެ ޔަގީންވަނީ ދެން މާގިނަދުވަހު ޔުކްރޭނަށް ހިފަހައްޓައިނުލެވޭނެ ކަމެވެ. ގާޒާގެ ހަނގުރާމަޔާ ގުޅިގެން ޔުކްރޭނަށް ހުޅަނގުގެ ހަތިޔާރު ލިބުން މިހާރު ވަނީ ބޮޑުތަނުން މަދުވެފައެވެ. ޔުކްރޭނުގެ އިރުމަތީ ބިތުން އެގައުމުގެ ސިފައިންގެ ލަޝްކަރުތައް ދަނީ ފަހަތަށް ޖެެހެމުންނެވެ. ރޫޅެމުންނެވެ. މިހާރު ރައީސް ޒެލެންސްކީގެ ކަމަކީ ހަތިޔާރަށް އެދި ސަލާންޖެހުމެވެ. އޭނާ އެދޭ މިންވަރާއި ގާތަށްވެސް އެތަކެތި ފޯރުކޮށެއް ނުދެވެއެވެ. ޒެލެންސްކީ އެދެނީ ހަމައެކަނި ހަތިޔާރަކަށް ނޫނެވެ. ނޭޓޯގެ ސިފައިން ޔުކްރޭނަށް ގޮސް ސީދާގޮތެއްގައި ރަޝިޔާއާ ކުރިމަތިލުމަކީވެސް އޭނާގެ އެދުމެކެވެ. އެކަމަކު ނޭޓޯގެ ގިނަ ގައުމުތަކުން މިކަމާ ދެކޮޅެވެ. ފްރާންސް ކަހަލަ މަދު ގައުމަކުން އެއްބަސްވިޔަސް ގިނަ ގައުމުތަކުން ބޭނުންވަނީ ސީދާގޮތެއްގައި ހަނގުރާމައިގެ ތެރެއަށް ނުވަނުމަށެވެ. ދުރުގައި ތިބުމަށެވެ.

ވެރިކަމުގެ އައު ދައުރެއް ރައީސް ޕުޓިން ހޯއްދަވާނެކަން ކަށަވަރުވެފައިވާއިރު އައު ދައުރުގެ ތެރޭގައި ހަނގުރާމައަށް އަންނާނީ ކޮން ބަދަލުތަކެއް ބާވައެވެ. ކުރިއަށްއޮތް އަހަރެއް ދެ އަހަރެއްގެ ތެރޭގައި މި ހަނގުރާމަ ނިމޭނެއެވެ. ރަޝިޔާ ބަލިވެގެންނެއް ނޫނެވެ. ޔުކްރޭން ބަލިވެގެންނެވެ. ސުލްހަ އަންނާނީ ރަޝިޔާ އެދޭގޮތުގެ މަތިންނެވެ. ރަޝިޔާއިން މިހާރު ހިފާފައިވާ ބިންތަކުގެ ތެރެއިން ކްރައިމިއާ އާއި ޑޮންބާސް، ޔުކްރޭނުގެ ބަޔަކަށެއް ނުހެދޭނެއެވެ. އެ ހަގީގަތް ގަބޫލުކުރަން ޔުކްރޭނަށް މަޖުބޫރުވާނެއެވެ. ޔުކްރޭނަށް އަބަދު ހަތިޔާރުދީދީ ތިބުމަކީ ނޭޓޯއަށްވެސް އުފުލަން ކުޅަދާނަ ބުރައެއް ނޫނެވެ. މިހާރުވެސް އެތިބީ ގޮތަކަށް ހުއްޓާލައިގެންނެވެ. އެމީހުންގެ މަދަދާ ނުލައި ހަނގުރާމަ ކުރިއަށް ގެންދިއުމަކީ ޔުކްރޭނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވީމާ ހަނގުރާމަ ނިމުމުގެ ކޮޅުމަތި މިހާރު އެދަނީ ފެންނަމުންނެވެ. ރަޝިޔާގެ ރައްޔިތުންގެ ކިބައިން ހާސްކަމެއް ނުފެނެއެވެ. ރައީސް ޕުޓިންގެ ފަރާތުންވެސް ފެންނަނީ އުންމީދެވެ.