ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަ ސެން ޓީޗަރުންނަށް ފައިސާގެ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ސެން ޓީޗަރުންނަށް ރިސްކް އެލަވަންސާއި ޓީޗަރުން ނުލިބޭ މައްސަލައިގައި މ. މުލަކު ސްކޫލުގައި މަސައްކަތް ކުރާ ސެން ޓީޗަރެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރިސްކު އެލަވަންސަށް ބަދަލު އައިސްފައި އޮތީ، މިދިޔަ ސަރުކާރުން ފެށިގެން އަމަލު ކުރަމުން އަންނަ ޕޭ ފްރޭމްވޯކުގެ ސަބަބުން ކަމަށެވެ.
"ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ، ތި ވިދާޅުވި ކަންތަކުގައި ސެން ޓީޗަރުންނަށް ރިސްކު އެެލަވަންސެއް ނޫނިއްޔާމުން ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އެގޮތުން ޓީޗަރުން މަދުކޮށް ތިބި ދާއިރާތައް ހޯދައި އެ ދާއިރާތަކަށް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ މެދު ތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށާއި އެ ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެއަށްވުރެ ކުރިން، މިހާރުން މިހާރަށްވެސް އެ ދާއިރާގެ ޓީޗަރުން ލިބެން ހުރި ވަރެއް ބަލައި ޓީޗަރުން އިތުރުކުރުމުގެ މަަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު