މިހާރު ބޭނުންކުރަމުންދާ ކޯސްޓްގާޑުގެ އުޅަނދުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި މި ފަސް އަހަރު ނިމިގެންދާ އިރު، ކޯސްޓްގާޑުގެ ކެޕޭސިޓީ ދެ ގުނައަށް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަރާމާތުކުރަން ޖެހިފައި ހުރީ ހަމައެކަނި އިމާރާތްތައް ނޫން ކަމަށާއި ކޯސްޓްގާޑުން ބޭނުންކުރާ ބާރަ ވަރަކަށް ކުދި އުޅަނދު އޮތް ނަމަވެސް، ބައެއް ތަކެތި ހުރީ ބޭނުން ވެސް ނުކުރެވޭ ހާލަތުގައި ކަމަށެވެ

"މިއީ ހިތާމަ ހުރި ކަމެއް. އެތައް އަހަރެއް މި ދިޔައީ މިކަންކަމަށް ސަމާލުކަމެއް ނުދެވި. އެހެންނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ، ދިވެހިންނަށް ހައްގު މިންވަރެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ދޭނެ ޔަގީންކަމަކީ، އަޅުގަނޑުމެން ދަންނަވަން ބޭނުންވާ އަދި މިތަނުގައި އިއުލާންކުރަން ބޭނުންވާ ކަމަކީ އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމޭ އިރު، މިހާރުގެ ކޯސްޓްގާޑުގެ ކެޕޭސިޓީ ދެ ގުނައަށް ބޮޑުކުރާނެކަން. އެކި ސައިޒުގެ އުޅަނދުތައް އިރާދަކުރެއްވިއްޔާ ހޯދައިދީ، މިހާރު ވެސް އެ މަސައްކަތް އެބަ ހިނގާ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯސްޓްގާޑަށް ވަސީލަތްތައް ހޯދުމަށް ތުރުކީ އާއި ބައެއް އެހެން އެކުވެރި ގައުމުތަކާއެކު މުއާމަލާތްތައް ކުރެވެމުން އަންނަ ކަމަށާއި ކޯސްޓްގާޑުގެ ކަނޑުގެ ކެޕޭސިޓީ ވެސް ދާނީ ދުވަހަކަށްވުރެ ދުވަހެއް މަތިކުރެވެމުން ކަމަށެވެ. އަދި އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި އެކިކަހަލަ ޕްލެޓްފޯމްތައް ވެސް އިތުރުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ގާބިލިއްޔަތު އިރާދަކުރެއްވީތީ އެއާ ކޯ އުފެއްދިގެން ގާއިމުވެގެންދާ އިރު، އަދި ކުރިއަށްއޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އިތުރު ގިނަ ކަންތައްތައް އަސްކަރިއްޔާގައި ގާބިލުކަމަށް އިތުރުކުރެވިގެންދާނެ. މި ގިނަ ދުވަސްތަކުގައި އެއްވެސް އަޅައިލުމެއް ނެތި، އެއްވެސް ބެލުމެއް ނެތި، މަރާމާތުކުރުމެއް ބެލެހެއްޓުމެއް ނެތި ހުރި އަސްކަރީ އެކިއެކި ވަސީލަތްތައް އަލުން އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ހުންނަން ޖެހޭ ފެންވަރުގައި ހުންނަން ޖެހޭ ތަންތަނުގެ ގޮތުގައި ހެދުމަށް ބަޖެޓުން އެކަމަށް ދޭން ޖެހޭ އިސްކަންދީ، އެކަމުގެ ވަސީލަތްތައް ވެސް މިހާރު ހަމަޖައްސައިދީފައިވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަސްކަރިއްޔާއަށްޓަކައި ދިވެހި ރައްޔިތުންގެ ހައްގުގައި ދޭން ޖެހޭ އެންމެ އިސްކަން ދެއްވާނެ ކަމަށާއި ހުރިހާ މާނައެއްގައި ދިވެހި އަސްކަރިއްޔާ ވެގެންދާނީ އަބަދުވެސް ދިވެހިން ފަހުރުވެރިވާ ބަޔަކަށް ކަމަށެވެ.