މިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެންގި 50.3 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދިފައިވަނީ އެންމެ ދެ ލައްކަ ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިއަދު އާންމުކުރި އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 15 މައްސަލައެއްގައި 74 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީން ނިންމިއެވެ. ނަމަވެސް އެ 74 މިލިއަން ރުފިޔާގެ ތެރެއިން ހޯދުމަށް އިދާރާތަކުގައި އެދުނީ، 50.3 މިލިއަން ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ. 50.3 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް އަނބުރާ ހޯދިފައިވަނީ ދެ ލައްކަ ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ.

އަހަރީ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރު އޭސީސީން ވަނީ 160 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައެވެ. އަދި 2022 ވަނަ އަހަރު 35 މިލިއަން ރުފިޔާ ހޯދުމަށް އެދުނު އިރު، މިދިޔަ އަހަރު އެދިފައިވަނީ 50.3 މިލިއަން ރުފިޔާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ފައިސާތައް އަނބުރާ ހޯދަން އެންގުމުގެ ބާރު ލިބިފައިވި ނަމަވެސް އެ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަކީ އޭސީސީގެ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.