ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުންދިޔަ ޓެލެގްރާމް ގްރޫޕުތަކެއް ސީޒްކޮށް، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ސީޒްކުރި ޓެލެގްރާމް ގްރޫޕުތަކަކީ "ޖަޒީރާ އެމްޑިމް"، ޖަޒީރާ ގާލްސް"، ޖަޒީރާ އެސްކޯޓް ގެލެރީ"، ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކު ހަބަރު" ކަމަށެވެ.

"މި ޗެނަލްތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 2024 މާޗު 06 ވަނަ ދުވަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެކެވެ..،" ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައިފާސްކުރުމަށްފަހު، މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ފޮރެންސިކް ތަހުލީލުކޮށް، ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑަރިންއާއި ޑްރަގު ޓްރެފިކިންއާއި ހަށި ވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވެއެވެ..،" ފުލުހުން ބުންޏެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ކަމަށާއި ދެވަނަ ފަހަރު ވަނީ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.