ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މުއިއްްޒު އިސްކަންދެއްވާ ތަރުތީބުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ލިސްޓުގެ ކުރީގައި ހިމެނިވަޑައިގަންނަވަނީ ގއ. ވިލިނގިލި/ ވައިޖެހޭގެ، ޔަޒީދު މުހައްމަދުގެ ނަމެވެ. ދެވަނަ ބޭފުޅަކަށް ހިމެނިވަޑައިގަންނަވަނީ ހުޅުމާލެ ފްލެޓް/ ހަސަން ޒަރީރެވެ.
ޔަޒީދަކީ މީގެ ކުރިންވެސް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ހަސަން ޒަރީރު ވަނީ ޑެޕިއުޓީގެ މަގާމު އަދާކުރައްވައިފައެވެ.
މީގެ ތެރެއިން ބޭފުޅަކު ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ބަލަންޖެހޭ އިތުރު ކަންކަން ބަލައި ދިރާސާކުރުމަށްޓަކއި އެ މައްސަލަ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް މުހައްމަދު އަސްލަން އިއުލާން ކުރެއްވިއެވެ.
ޚަބަރު
ޚަބަރު