ދިރާގާއި މަމްސް އެއިޑް ގުޅިގެން އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިރާގުން މިއަދު ބުނީ އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނީ މަމްސް އެއިޑާ ގުޅިގެން ކުރިއަށް ގެންދާ "ރަމަލާން އެއިޑް" ކެމްޕޭނުގެ ދަށުން ކަމަށެވެ.
ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސް ސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަނީ އަގުހުރި މަސައްކަތެއް ކަމަށެވެ.
"މި ބަރަކާތްތެރި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑްއަށް އެއްބާރުލުންދީ މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ބިޝާރާ ވިދާޅުވިއެވެ.
މަމްސް އެއިޑުގެ އެގްޒެކެޓިވް ޑިރެކްޓާ އަދި ޖެނެރަލް ސެކްރެޓަރީ ފާތުމަތު ރިޔާސާ ވިދާޅުވީ "ރަމަލާން އެއިޑް" ކެމްޕޭނަށް ދިރާގުގެ ފަރާތުން ފޯރުކޮށްދިން އެއްބާރުލުމަށާއި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
"މި ބަރަކާތްތެރި ރަމަލާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖުތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފޯރުކޮށްދެވުނު" ރިޔާސާ ވިދާޅުވިއެވެ.
ދިރާގުން ބުނީ "ރަމަލާން އެއިޑް" ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު