ލިވަޕޫލްގެ ސްޕޯޓިން ޑިރެކްޓަރެއްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ކުރި މައިކަލް އެޑްވާންޑް، އެ ކްލަބުގެ އޯނާޝިޕް ގްރޫޕް ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) ގެ ޗީފް އެގްޒެކެޓިވް އޮފް ފުޓުބޯލްގެ މަގާމަށް އައްޔަނުކޮށްފިއެވެ.

އެޑްވާޑްސްއަކީ މީގެ ކުރިން 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ލިވަޕޫލްގައި މަސައްކަތް ކުރި ފުޓުބޯޅަ ހިންގުމުގެ މާހިރެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން 2022 ވަނަ އަހަރަށް އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމު އަދާކޮށްފައެވެ. އެ ދުވަސްތަކުގައި ލިވަޕޫލްގެ މުހިއްމު ޓްރާންސްފާތަކެއްގައި އެޑްވާޑްސްގެ ހިއްސާ އޮތް އިރު، ކްލަބުން ފަހަކަށް އައިސް ހޯދި ގިނަ ކާމިޔާބީތަކަކަށް ބިނާ ކުރި ޓީމަށް ދުނިޔޭގެ ބޮޑެތި ކްލަބުތަކުން ވަނީ ތައުރީފު ކޮށްފައެވެ.

އެޑްވާޑްސް ލިވަޕޫލަށް ގެންދިޔަ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ވާޖިލް ވެން ޑައިކާއި މުހައްމަދު ސަލާހްގެ އިތުރުން ސަޑިއޯ މާނޭ އާއި އެލިސަން ބެކާ ހިމެނެއެވެ.

ލިވަޕޫލް ދޫކޮށްލި ފަހުން އެޑްވާޑްސްއަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުންވެސް ފުޓުބޯޅަ ހިންގަން ހުށަހެޅުންތައް ހުށަހެޅި ނަމަވެސް، އޭނާ އޭރު ނިންމީ އަނބުރާ ފުޓުބޯޅައަށް ނުނުކުންނާށެވެ. އަދި އޭގެ ފަހުން ލިވަޕޫލުން ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އެޑްވާޑްސް ބުނީ ނޫނެކޭއެވެ.

އެ ފުރުސަތުތައް ދޫކޮށްލައި އެޑްވާޑްސް މިފަހަރު ހަވާލުވީ އެފްއެސްޖީގެ ފުޓުބޯޅަ ހިންގުމުގެ އެންމެ އިސް މަގާމާއެވެ. އެޑްވާޑްސްއަށް ލިވަޕޫލްގެ އާ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތާއި ސްޕޯޓިން ޑިރެކްޓަރެއް ހޯދަންވެސް ހަވާލުކޮށްފައިވާ އިރު، މި ސީޒަނަށްފަހު ޔާގަން ކްލޮޕް ދިޔުމުން އާ ކޯޗެއްވެސް ހޯދަން ވަނީ ހަވާލުކޮށްފައެވެ.

އޭގެ އިތުރުން ލިވަޕޫލްގެ ވެރިންގެ ކުންފުނި، އެފްއެސްޖީން އާ ކްލަބެއް ގަންނަން ކުރާ މަސައްކަތަށްވެސް އެޑްވާޑްސްގެ ވިސްނުން ބޭނުންކުރާނެ ކަމަށް ނޫސްތައް ބުނެއެވެ.