ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު އަމިއްލަ ފަރާތަކަށް ދައްކަން ޖެހޭ އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގެ ދަށުން ތ. ކަނޑޫދޫ ސްކޫލުގެ ތިން ކްލާސްރޫމް އެޅުމަށް މެންބަރު އިސްމާއީލް އަހުމަދުގެ ކުންފުންޏަކާ ހަވާލުކުރި މައްސަލައެކެވެ. އެ މަސައްކަތް 2018 ގައި ސަބް ކޮންޓްރެކްޓްކުރީ، ހ. ވަލަންޖު، މޫސާ ހަލީލަށެވެ.
ސިވިލް ކޯޓަށް މޫސާ ހަލީލް ހުށަހެޅި މައްސަލައިގައި ބުނާ ގޮތުން އޭނާގެ އަމިއްލަ ތަކެތީގައި ކޮށްފައިވާ މަސައްކަތާއި އެ ތަކެތީގެ އަގަށް 1،281،830 ރުފިޔާ އަރައެވެ. ނަމަވެސް މެންބަރު އިސްމާއިލް ދައްކާފައިވަނީ 42،500 ރުފިޔާ ކަމަށް ބުނެފައިވެއެވެ. އެހެންވެ، މޫސާ އެދުނީ ބާކީ 856،830 ރުފިޔާ ދެއްކުމަށް މެންބަރު އިސްމާއީލްގެ މައްޗަށް ކޯޓުން ހުކުމްކޮށްދިނުމަށެވެ.
މި މައްސަލައިގައި ދައުވާ ރައްދުވާ މެންބަރު އިސްމާއީލަށް ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއި މައްސަލައިގެ ޗިޓު ރައްދު ކުރި ނަމަވެސް ދައުވާއިން ދިފާއުވުމަށް ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އެކަމަށް ހުށަހަޅާފައި ނުވުމުން އޭނާގެ "ޣައިރު ހާޒިރުގައި" ސިވިލް ކޯޓުން ވަނީ، 15 ދުވަހުގެ ތެރޭގައި 856،830 ރުފިޔާ މޫސާއަށް ދެއްކުމަށް މެންބަރު އިސްމާއީލް އަހުމަދުގެ މައްޗަށް މިދިޔަ މަހުގެ 29 ގައި ހުކުމްކޮށްފައެވެ.
މި ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމަކަށް ވާތީ ހުކުމް މުރާޖައާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު