ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އިތުރު 1600 މީހުން ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ރޭ އަސްލު ޓީވީގެ "ބާބު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ، މާލެއަށް ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބޭ ކަމަށާއި 6000 އޮފިޝަލުން ބޭނުންވާއިރު މިހާރު އަދި ތަމްރީން ކުރީ 4400 އެއްހާ އޮފިޝަލުން ކަމަށެވެ.

"އިތުރަށް 1600 އޮފިޝަލުން ބޭނުން. އިތުރަށް ޓްރޭންވެސް ކުރަން ޖެހޭ. ކުރިން އިންތިހާބު ބާއްވަން ހަމަޖެއްސި ތާރީހަށް ބޭއްވި ނަމަ، ގިނަ މުވައްޒަފުންތަކެއް ދޫކޮށްލެވޭނެ، އީސީގެ ހަރަދުތައް ކުޑަވާނެ،" ކަމަށް އީސީގެ ނައިބު ހަބީބް ވިދާލުވިއެވެ.

އީސީގެ ވަގުތީ މުވައްޒަފުންގެ މުސާރަޔަށް އަލިއަޅުވާލަމުން ހަބީބް ވިދާޅުވީ، މިހާރުވެސް ވަގުތީ 300 މުވައްޒަފުންގެ ރޯދަ އިނާޔަތަށް އެކަނިވެސް، މިލިޔަނަކާއި ގާތްކުރާ އަދަދަކަށް ފައިސާ ހަރަދުވާކަމަށެވެ.

އޭގެ އިތުރުން ފޯކަލް ޕޮއިންޓު ތަކާއި އިތުރު ގަޑީގެ ފައިސާ ދިނުމާއި އޭގެ ސަބަބުން އިތުރު ކަންތައްތަކަށް ހަރަދުތައް ހިނގާނެ ކަމަށާއި އަދި މިހާރު މާލެ ފިޔަވައި އަތޮޅުތަކުގެ ސިޓީތަކުގައި ރަށްތަކުގައި ކުރިޔަށްގެންދަން ޖެހޭ ޓްރޭނިންގްތައް ނިންމައިފި ކަމަށެވެ.

ނަމަވެސް މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުގައި ކަމަށް ވުމުން، ޓްރޭނިން ވުމަށްފަހު ވޯޓުލާން ޖެހޭ ދުވަހާއި ދެމެދު ދޮޅުމަސް ދުވަހުގެ މުއްދަތެއް ހޭދަވާތީ އަލުން އޮފިޝަލުންނަށް ރި-ފްރެޝާ ޓްރޭނިގް ތަކެއް ބާއްވަން ޖެހޭ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ރިފްރެޝާ ޓްރޭނިން މިއަދުން ފެށިގެންވެސް އަތޮޅުތަކުގައި ބާއްވަން ޖެހޭނެ ކަމަށާއި އަތޮޅުތަކުގައި ކުރިޔަށްގެންދާނީ އޮންލައިންކޮށް ކަމަށެވެ.

"ޓްރޭނިން ބައްވަން ޖެހޭ ސަބަބަކީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އައި ބަދަލުން. އެބަދަލުތައް އޮފިޝަލުންނަށް އެނގެންޖެހޭނެ. ވޯޓު ފޮށީގެ ވެރިންނާއި އެހީތެރިންނަށް އިނގެން ޖެހޭނެ. ސައްހަ ވޯޓާއި ބާތިލް ވޯޓު ބަދަލު އައިސްފި ކަމަށް އީސީން އޮފިޝަލުންނަށް އަންގަން ޖެހޭނެ،" ކަމަށް ހަބީބް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުންވެސް ހަބީބް ވިދާޅުވީ، "57 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އިއުލާނުކޮށްފައިވާނީ. ކުރިން ވޯޓު ފޮށި ނުބަހައްޓާ ރިސޯޓު ތަކުގައި ވޯޓު ފޮށި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ،" ކަމަށެވެ.

އީސީން އެދެނީ ރިސޯޓު މުވައްޒަފުންގެ އަދަދު ބެލުމަށް ފަހު ރިސޯޓުތަކުގެ އިސްވެރިންނާއި ޓުވަރިޒަމް މިނިސްޓްރީ ގުޅިގެން އެކަންތައް ކުރިޔަށްގެންދިއުމަށްފަހު އީސީއަށް އެންގުމަށެވެ.