ޕާކިސްތާނުގެ ރައީސްކަމަށް އުމުރުފުޅުން 68 އަހަރުވީ އާސިފް އަލީ ޒަރުދާރީ ވަނީ އެ ގައުމުގެ މަރުކަޒީ ޕާލަމެންޓާއި އެކި ޕްރޮވިންސްތަކުގެ އެސެމްބްލީގެ މެންބަރުންގެ ވޯޓަކުން އިންތިޚާބުކޮށްފައެވެ. މިއީ ޒަރުދާރީ މި މަގާމަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މިފަހަރު އޭނާ ރައީސްކަމަށް މި ވަޑައިގަންނަވަނީ ޕީޕަލްސް ޕާޓީ އާއި މުސްލިމް ލީގުގެ ކޯލިޝަނެއްގެ ތެރެއިންނެވެ. ބޮޑުވަޒީރުކަން މުސްލިމް ލީގުގެ ޝަހުބާޒް ޝަރީފަށެވެ. ރައީސްކަން ޕީޕަލްސް ޕާޓީގެ ޒަރުދާރީއަށެވެ. ރައީސްކަމަކީ މިހާރު މައިގަނޑު ގޮތެއްގައި ރަމްޒީ މަގާމެކެވެ. ރައީސްކަމަށް ޒަރުދާރީ އިންތިޚާބުކުރީ 411 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ތަހުރީކޭ އިންސާފު ޕާޓީގެ މަހުމޫދު ޚާނަށް ލިބިވަޑައިގަތީ 181 ވޯޓެވެ. ތަހުރީކޭ އިންސާފަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީއެވެ. ޕާލަމެންޓުގައި އަދިވެސް އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރަނީ އިމްރާންގެ ސަޕޯޓަރުންނެވެ.

އާސިފް އަލީ ޒަރުދާރީއަކީ ކޮން ބޭފުޅެއް ބާވައެވެ. އޭނާ މަޝްހޫރުވެފައި އޮންނީ މިސްޓަރ ޓެން ޕަސަންޓްގެ ނަމުންނެވެ. މިއީ އޭނާގެ އަނބިކަނބަލުން ބޭނަޒީރު ބުއްޓޫގެ ވެރިކަމުގެ ދައުރުގައި ސަރުކާރުގެ އެކި ކޮންޓްރެކްޓްތައް އެކި ކުންފުނިތަކަށް ދީފައި އޭގެ ޖުމްލަ އަގުގެ ދިހަ ޕަސަންޓު ރިޝްވަތުގެ ގޮތުގައި ނަންގަވާކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ކިޔާން ފެށުނު ނަމެކެވެ. ޒަރުދާރީ ވަނީ މިޒާތުގެ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ޖަލުގައިވެސް އަހަރުތަކެއް ހޭދަކުރައްވައިފައެވެ. އެގޮތުން ޖުމްލަ އެގާރަ އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ. ޒަރުދާރީއާމެދު ކުރެވެނީ ހަމައެކަނި ކޮރަޕްޝަނުގެ ތުހުމަތެެއް ނޫނެވެ. ސިޔާސީ ވާދަވެރިންނާއި ވިޔަފާރިވެރިން ވަގަށް ނެގުމާއި މެރުމުގެ އެކިކަހަލަ ތުހުމަތުވެސް ކުރެވެއެވެ. މިހުރިހާ ކަމެއްގެ ފެށުމަކީ ޒަރުދާރީ އާއި ބޭނަޒީރު ބުއްޓޫގެ ކައިވެންޏެވެ. މި ކައިވެންޏެއް ކުރެވުނީ ބޭނަޒީރުގެ މަންމާފުޅު ނުސްރަތު ބުއްޓޫގެ ބާރުއެޅުއްވުމުގެ ދަށުން 1987 ގައެވެ.

އެދުވަސްވަރު ޒަރުދާރީއާމެދު ބުނެވެނީ ރޭގަނޑު އެކި ޑިސްކޯތަކުގައި ޒުވާން އަންހެން ކުދިންނާއެކު ވަގުތު ހޭދަކުރައްވައިފައި ދުވާލު އަވަހާރަފުޅު ލައްޕަވާ ޕްލޭބޯއިއެއް ކަމުގައެވެ. ޒަރުދާރީއަކީ ސިންދު ޕްރޮވިންސްގެ ބިންވެރި އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ބޭނަޒީރު ބުއްޓޫއާ ކައިވެނި ކުރެއްވުމުގެ ކުރިން ސިޔާސީ ކަންކަމުގެ ތެރޭގައި ނޫޅުއްވައެވެ. ޒަރުދާރީ އާއި ބޭނަޒީރު ބުއްޓޫގެ ކައިވެނި ކުރެވުނު ދުވަސްވަރު މިއީ ވަރަށް ނުގުޅޭ ޖޯޑެއް ކަމަށް ގިނަބަޔަކު ބުނަމުން ދިޔައެވެ. ޒަރުދާރީއަކީ މުއްސަނދި ބިންވެރިޔަކަށްވިޔަސް ތައުލީމީގޮތުން އެއީ ގްރޭޖުއޭޓެއްވެސް ނޫނެވެ. ބޭނަޒީރަކީ އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވަރސިޓީގެ ގްރޭޖުއޭޓެކެވެ. މަސައްކަތް ކުރައްވަމުން ގެންދެވީ ޖެނެރަލް ޒިޔާއުލް ހައްގުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށެވެ. ޒިޔާއުލް ހައްގަކީ ބޭނަޒީރުގެ ބައްޕާފުޅު ޒުލްފިގާރު އަލީ ބުއްޓޫގެ ވެރިކަން ވައްޓާލައި އަދި އަލީ ބުއްޓޫ ދަންޖައްސައި އަވަހާރަކޮށްލި މީހާއެވެ.

އެހެންވީމާ ގިނަބަޔަކު ހީކުރީ ޒަރުދާރީ ވެގެންދާނީ ބޭނަޒީރުގެ ސިޔާސީ ހުވަފެންތަކުގައި ކުލަޖެއްސުމަށް އެޅޭ ހުރަހަކަށް ކަމުގައެވެ. އެކަމަކު އެހެނެއްވެސް ނުވިއެވެ. މި ކައިވެންޏަށް އެއް އަހަރު ފަހުން 1988 ގައި ބޭނަޒީރު ބުއްޓޫއަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ. ދައުރު ފުރިހަމަ ނުކުރެއްވެނީސް ވެރިކަން ގެއްލުނަސް އަހަރުތަކެއް ފަހުން އަނެއްކާ ދެވަނަ ފަހަރަށްވެސް އެކަމަނާ ބޮޑުވަޒީރުކަމަށް ވަޑައިގަތެވެ. ބޭނަޒީރުގެ ދެވަނަ ދައުރުގައި ފިރިކަލުން ޒަރުދާރީ ހުންނެވީ އިންވެސްޓްމަންޓު މިނިސްޓަރު ކަމުގައެވެ. މިސްޓަރ ޓެން ޕަސަންޓުގެ ނަން ލިބިވަޑައިގަތީ އެދުވަސްވަރުއެވެ. މިފަހަރުވެސް ބޭނަޒީރަށް ދައުރު ފުރިހަމައެއް ނުކުރެއްވުނެވެ. ފުރަތަމަ ދައުރުގައި ކަންކަން ހިނގިމަގުން މި ދައުރުގައިވެސް އެކަމަނާގެ ވެރިކަން 1996 ގައި ވެއްޓުނީއެވެ. ބޭނަޒީރުގެ ސަރުކާރު ވެއްޓުނުތާ އެއްގަޑިއިރުވެސް ނުވަނީސް ޒަރުދާރީ ހުންނެވީ އަލުން އަނެއްކާވެސް ޖަލުގައެވެ.

ބޮމުގެ ހަމަލާއެއްގައި ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނީ 2007 ވަނަ އަހަރު އާއްމު އިންތިޚާބަށް ކެމްޕޭނު ކުރެއްވުމުގެ ތެރޭގައެވެ. މި ހާދިސާއާ ގުޅިގެން ޕީޕަލްސް ޕާޓީއާއި ބޭނަޒީރުގެ އާއިލާއަށް ރައްޔިތުންގެ ތެރޭގައި އުފެދުނު ފުން ހަމްދަރުދީޔާއެކު އެފަހަރުގެ އިންތިޚާބުން ކުރި ލިބުނީވެސް ޕީޕަލްސް ޕާޓީއަށެވެ. ޕާޓީގެ ފަރާތުން ރައީސްކަމަށް ނޮމިނޭޓްކުރި ނަމަކީ ޒަރުދާރީގެ ނަމެވެ. އެގޮތުން ޒަރުދާރީ ވަނީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވައިފައެވެ. ޒަރުދާރީގެ ރައީސްކަމުގެ ދައުރު ދިޔައީ އޮމާންކޮށެއް ނޫނެވެ. ޕާކިސްތާނަށް 2010 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގައި 21 މިލިޔަން މީހުން ހާލުގައި ޖެހުނުއިރު ޒަރުދާރީ ހުންނެވީ ޗުއްޓީ ހޭދަކުރެއްވުމަށް ޔޫރަޕުގައެވެ. ރައްޔިތުންގެ ހާލު ބެއްލެވުމަށް ގައުމަށް ވަޑައިނުގެން ހުންނެވީއެވެ. އެމެރިކާ ސިފައިން ޕާކިސްތާނަށް ވަދެ އުސާމާ ބިން ލާދިން މަރައިލީވެސް ޒަރުދާރީގެ ރައީސްކަމުގެ ދައުރުގައެވެ.

ޕާކިސްތާނުގެ ރައީސްކަމަށް ޒަރުދާރީ އެންމެ ފުރަތަމަ ވަޑައިގެންނެވިއިރު ރައީސަކީ ވަރަށް ބާރުގަދަ ބޭފުޅެކެވެ. އެކަމަކު މިހާރު އެއީ ރަމްޒީ މަގާމެކެވެ. ގާނޫނީގޮތުން ރައީސްގެ ބާރުތައް ހަނިކޮށް ކުޑަކުރެވުނީ ޒަރުދާރީގެ އެއްބާރުލުމާއެކު އޭނާގެ ރިޔާސީ ދައުރުގައެވެ. ޒަރުދާރީ ހިމެނުނީ ޕާކިސްތާނުގެ ތާރީޚުގައިވެސް ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސްކަމުގައެވެ. ޒަރުދާރީ އެންމެފަހުން ޖަލަށް ލެވުނީ މަނީ ލޯންޑްރިންގެ މައްސަލައެއްގައި 2019 ވަނަ އަހަރުއެވެ. އެކަމަކު އަހަރެއްވެސް ނުވަނީސް ކޮންމެވެސް ޑީލެއްގެ ދަށުން އޭނާ ވަނީ މިނިވަން ކުރެވިފައެވެ. ޒަރުދާރީއަށް ބޭނަޒީރު ބުއްޓޫގެ ބަނޑުފުޅުން ލިބިވަޑައިގެންނެވީ ތިން ބޭފުޅުންނެވެ. މިހާރު ޕީޕަލްސް ޕާޓީގެ ޗެއަރމަން ކަމުގެ މަގާމުގައި އެހުންނެވި ބިލާވަލް ބުއްޓޫ ޒަރުދާރީވެސް ހިމެނޭގޮތުންނެވެ. ބިލާވަލް ބުއްޓޫއަކީ ޕާކިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރެވެ. ޕާކިސްތާނުގެ ތާރީޚުގައިވެސް އެންމެ ޒުވާން ޚާރިޖީ ވަޒީރެވެ.