މާޅޭ ސިޓީގެ މަގުތަކުން އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރޯދަ މަހަށް ދިމާކޮށް ގެތައް ސާފުކޮށް، ކުނިތައް މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން މާލޭގެ މަގުތައް އޮތީ ކުނިން ފުނި ޖެހިފައެވެ. އެ ކުނިތަކުގެ ތެރޭގައި ގިނައީ ފަރުނީޗަރާއި ގޭގޭގައި ހިފާ ގެންގުޅޭ ސާމާނުތަކެވެ. އެފަދަ ކުނީގެ ބާވަތްތަކަކީ ވެމްކޯއަށް ފީއެއް ދައްކައިން އުކާލަން ޖެހޭ ކުނިތަކެވެ.

ނަމަވެސް މާލޭގެ މަގުތަކުގައި ކުނި ގިނަވެފައިވާތީ ވެމްކޯއިން ވަނީ ހިލޭ ކުނި އުކައި ދޭން އިއްޔެ ފަށައިފައެވެ. އަދި ސިޓީ ކައުންސިލުން ވެސް ދަނީ މާލޭގެ މަގުތަކުން ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ 15 ދުވަސް ތެރޭގައި މާލެ ތެރެއިން 200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ އަށް ކޮންޓޭނަރުގެ ކުނި ކަމަށް އާޒިމް ވިދާޅުވިއެވެ.

"10 މާޗު 2024 ވީ އާދިއްތަ ދުވަހު އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުގެ ހީވާގި މުވައްޒަފުން ނެގި،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެދިވަޑައިގެންފައެވެ. ދިރިއުޅޭ ގެދޮރާއި ވެށި ސާފުކޮށް ބެހެއްޓެމުން އެކަމުގެ ހިތްފަސޭހަކަން ހުރިހާ މީހުންނަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް އިއްޔެ މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މިފަހަރު މާލޭގެ މަގުތަކުގައި ހުރި ހުރިހާ ކުނިތަކެއް ނެގުމުގެ ކެޕޭސިޓީ ސިޓީ ކައުންސިލުގައި ނެތް ކަމަށާއި އެހެންވެ ވެމްކޯއާ ގުޅިގެން މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު މާލޭގެ މަގުތަކުން 10 ވަރަކަށް ޓަނުގެ ކުނި ނަގަމުންދާ ކަމަށާއި އެ އަދަދާ އެއްވަރަށް ވެމްކޯއިން ވެސް ކުނި ނަގަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރޯދަމަހަށް ތައްޔާރުވުމަކީ ތިމަންނާގެ ގެ އެކަނި ސާފުވުމެއް ނޫން. ރޯދަމަހަށް ތައްޔާރުވުމަކީ ތިމަންނަ އުޅޭ މުޅި ވެށި ސާފުކުރުން" އާޒިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ކުނި ނެގުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށާއި މާލޭގެ ރައްޔިތުންނަށް ކުނި އުކުމަށް ފަސޭހަ ގޮތްތަކެއް ވެސް ހަމަޖައްސަވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.