މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ކުލިއާ ކުރެވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިފްކޯއަށް 157 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މިއަދު ދެވުނު ފައިސާއާއެކު މަސްވެރިން މިދިޔަ ހުކުރު ދުވަހާ ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކުލިއާ ކުރެވިއްޖެ،" ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް “ވަން”އަށް މިރޭ ވިދާޅުވީ މަސްވެރިންނަށް ފައިސާ ޖަމާކުރަން ފަށާފަައިވަނީ މިރޭ ކަމަށެވެ.

"މާދަމާގެ ނިޔަލަށް ހުރިހާ މަސްވެރިންނަށް ފައިސާދީ ނިންމާލެވޭނެ،" ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ވިދާޅުވީ އެ ފައިސާތައް ދިނުމުން، މިފްކޯއިން، މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސް ކުރެވުނީ ކަމަށެވެ.

ރައީސް މުއިއްޒު، މީގެ ކުރިން ވިދާޅުވެފައިވަނީ ރޯދަމަސް ފެށެންވާއިރަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަނިކުފާނު ވަނީ ރޯދަމަހަށް ފައިސާތައް ޖަމާވާނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ދެއްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދު މިއަހަރުގެ ތެރޭގައި ފުއްދަވާނެ ކަމަށެވެ.